ސިޔާސީ

ތިން ވަޒީރުންނާ ސުވާލުނުކުރެވެނީސް ނޯޓިސްގެ މުއްދަތު ހަމަވެއްޖެ


ތިން ވަޒީރަކާ ސުވާލުކުރުމަށް މަޖިލީހަށް ޙާޒިރުވުމަށް އެވަޒީރުންނަށް އެރުވި ސާދަ ދުވަހުގެތެރޭގައި ވަޒީރުން ޙާޒިރުނުކުރެވި ނޯޓިސްގެ މުއްދަތު ހަމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުންމަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ތިން ވަޒީރަކާއި ސުވާލުކުރުމަށް ދިން 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވިއިރުވެސް ޙާޒިރުކުރެވިފައިނުވާކަމަށެވެ. މަޖިލީހަށް ޖަވާބުދާރީވުމަށް ނޯޓިސްދެއްވި ތިން ވަޒީރުންނަކީ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ޓްރާސްންޕޯޓް މިނިސްޓަރ އައިޝަތު ނަޙުލާއާއި، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ވަޒީރުންނާއި ސުވާލުކުރުމަށް މަޖިލީހަށް ޙާޒިރުވުމަށް ފޮނުވާ ނޯޓިސް ހަމަވެއްޖެނަމަ މަޖިލީހުން ޢާންމުކޮށް ޢަމަލުކުރާ އުސޫލަކީ އެ ވަޒީރަކަށް ފަސޭހަފުޅު ވަގުތެއްގައި ސުވާލު ހުށައެޅުއްވި މެންބަރާއި މަޝްވަރާކުރުމަށްފަހު މަޖިލީހަށް ޙާޒިރުކުރުންކަމަށެވެ.

"އަޅުގަނޑު ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރަށް ދަންނަވަން. ވީހާވެސް އަވަހަކަށް އިރާދަކުރެއްވިއްޔާ މަނިކުފާނު ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް މި މަޖިލީހަށް ވަޑައިގަންނަވާނެ. އަދި މި މަޖިލީހުން އިރާދަކުރެއްވިއްޔާ އެކަން ހަމަޖައްސާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝަހިސާއި ސުވާލުކުރުމަށް ހުށައަޅުއްވާފައިވަނީ ރާއްޖެއިން ޤަތަރާއި ގުޅުން ކަނޑާލުމުން އެކަމުގައި މިހާރު ޢަމަލުކުރަމުން އަންގޮތަކާއި ގުޅޭގޮތުންނެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއާއި ސުވާލުކުރުމަށް ހުށައަޅުއްވާފައިވަނީ ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކާޖަހާ މައްސަލާގައެވެ. އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ސުވާލުކުރުމަށް ހުށައަޅުއްވާފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް 2012 ފެބްރުއަރީ ހަތެއް އަދި އަށެއްގައި ހިނގައިދިޔަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކުރާ މަސައްކަތްތައް ސާފުކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ މެންބަރަކަށް ވަޒީރަކާއި ސުވާލުކުރެވޭނީ އެ ވަޒީރަކާ ކުރަން ބޭޏުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް އެ ވަޒީރަކަށް ލިޔުމުން ފޮނުވައި 14 ދުވަހުގެ މުއްދަތު އެ ނޯޓިހުގެ ތާރީޚުން ފެށިގެން ދިނުމަށްފަހުކަމަށެވެ.