ވިޔަފާރި

ބަރެސްދޫ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ


އިންޓަރގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ލ.ބަރެސްދޫ، 12 މަސްދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އެމްއައިޓީޑީސީން އިޢުލާންކޮށްފިއެވެ.

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެމްއައިޓީޑީސީން ވަނީ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަހުގެ ތިރީސްވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު، އަންނަމަހުގެ ހަތްވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ.

މި މަސައްކަތާ ހަވާލުވާ ފަރާތުގެ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ބަރެސްދޫގައި އެންމެ މަދުވެގެން އަބަދުވެސް 3 މީހުން ޤާއިމްވެ ތިބުމާއި، ބަރެސްދޫ ގައި ތިބޭ މީހުންނަށް ގުޅަން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި މުޢާސަލާތުކުރުމަށް ޚާއްސަ ފޯނެއް ކަނޑައަޅަން ޖެހެއެވެ.

އެއްވެސް ބޭނުމެއްގައި ބަރެސްދޫއަށް އަރައި ފޭބުމާއި، ރަށުގައި މަސައްކަތް ކުރަނީ އެމްއައިޓީޑީސީން ހުއްދަ ދީފައިވާ ފަރާތްތަކެއްތޯ ބެލުމުގެ އިތުރަށް، އެ ކޯޕަރޭޝަނުން އަންގާފައިވާ އެންގުންތަކާއި ޚިލާފަށް، އެއްވެސް ފަރާތަކުން ބަރެސްދޫއަށް އަރާތޯ ބެލުމާއި، އެފަދަ ކަމެއް ހިނގައިފިނަމަ، ލަސްނުކޮށް އެމައްސަލައެއް އެމްއައިޓީޑީސީއަށް އަދި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެންގުމަކީވެސް ބަރެސްދޫ ބަލަހައްޓައިދޭ ފަރާތުގެ ޒިންމާއެކެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. މީގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް، ކުންފުނިތައް ހިމެނެއެވެ.

ލ.އަތޮޅު ބަރެސްދޫއަކީ އެމްއައިޓީޑީސީން ރާއްޖޭގައި އިންޓަގްރޭޓަޑް ޓޫރިޒަމް ތަޢާރަފްކުރުމުގެ ގޮތުން ގެސްޓްހައުސް އައިލެންޑްގެ ގޮތުގައި ތަރައްޤީކުރުމަށް، އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ ރަށެކެވެ.

ބަރެސްދޫގައި ދެ ބީޗް ރިސޯޓާއިއެކު 34 ބީޗް ހޮޓާ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ބަރެސްދޫގައި ފަންސާހާ ގާތް ކުރާ އަދަދަކަށް ގެސްޓްހައުސް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، މި ރަށުގައި 3،000 އެނދު ހުންނާނޭކަމަށް އެމްއައިޓީޑީސީން ބުނެއެވެ.