ތިމާވެށި

ރ.ވަންދޫ ކުރިން އޮތީ ގެއްލުމުގައި ހިންގާ ޕްރޮޖެކްޓެއްގެ ގޮތުގައި - ޑރ.ޙުސައިން


މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ރ.ވަންދޫ އޮތީ ވޯލްޑް ބޭންކުގެ ރޭންކިންއަށް ބަލާއިރު، ގެއްލުމުގައި ހިންގަމުންއައި މަޝްރޫޢެއްގެގޮތުގައިކަމަށް، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރ.ވަންދޫގައި ކުނި އަންދައިގެން ކަރަންޓް އުފެއްދުމުގެ މަސައްކަތް ފެށުމާއިގުޅިގެންމ އެއީ ކުރީގެ ސަރުކާރުން ހިންގި މަޝްރޫޢެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކިޔަމުންދާ ފާޑުކިއުންތަކަށް ރައްދުދެއްވައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ވަންދޫ އޮތީ ވޯލްޑް ބޭންކުގެ "މޮޑަރޭޓްލީ އަންސެޓިސްފެކްޓްރީ" ރޭންކިންގގައި ނުވަތަ ގެއްލުމުގައި ހިންގާ ޕްރޮޖެކްޓެއްގެ ގޮތުގައިކަމަށެވެ.

އަދި މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް ސެޓިސްފެކްޓްރީ ރޭންކިންގ ނުލިބޭނަމަ ޕްރޮޖެކްޓް ހުއްޓާލައި ޒޯން ހަތަރަކާއި، ފަހަކަށް ލިބެން އޮތް ސަތާރަ ޕޮއިންޓު ފަހެއް މިލިއަން ޑޮލަރުވެސް ގެއްލޭ ހާލަތުގައިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނި އަންދައިގެން ކަރަންޓް އުފެއްދުމުގެ މަސައްކަތް ރ.ވަންދޫގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެރަށުގައި ދުވާލަކަށް ފަސްސަތޭކަ ކިލޯ ވޯޓު ނުވަތަ ޕޮއިންޓް ފަހެއް މެގަވޮޓުގެ ކަރަންޓް އުފެއްދިގެންދާނެއެވެ. އެއާއެކު އެރަށަށް ބޭނުންވާ ކަރަންޓަކީ ތެލަށް ބަރޯސާނުވެ އަންދާލެވޭ ކުނީގެ ހޫނުން ލިބިގެންދާނެ އެއްޗަކަށް ވެގެންދާނެއެވެ.

ކުންފުންޏަކީ ފައިސާލިބޭ ވަސީލަތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ސިޔާސަތެކެވެ.