ބޮކްސް އޮފީހުގެ އެއްވަނައިގައި ފާއިތުވި 10 އަހަރު އޮތް 'އެވެޓަރ' ވައްޓާލައި 'އެވެންޖާސް އެންޑް ގޭމް' ކުރިއަށްޖެހިލައިފިއެވެ.
2009 ވަނަ އަހަރު ރިލީސްކުރި އެނިމޭޓެޑް ފިލްމް 'އެވެޓަރ' އަކީ ފާއިތުވި އަހަރުތަކުގައި ބޮކްސްއޮފީހުގައި އެންމެ ބޮޑު އާމްދަނީ ލިބިގެން އެއްވަނައިގައި އޮތް ފިލްމެވެ. 2.78 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވާ އެވެޓަރ ފިލްމް ވައްޓާލައި ކުރިއަށް ޖެހިލަން ކުރި މަސައްކަތްތައް މިވީހާދުވަހު ކާމިޔާބުވެފައި ނުވިނަމަވެސް މާވެލްއިން ވަނީ މިކަން ކާމިޔާބުކޮށްފައެވެ.
މިއަހަރުގެ އޭޕްރީލް މަހު 22 ގައި ރިލީސްކުރި މާވެލްގެ އެވެންޖަރސް- އެންޑްގޭމް ވެގެންދިޔައީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދި ފިލްމަކަށެވެ. ރިލީސްކުރިތާ ފުރަތަމަ ހަފްތާގައި މި ފިލްމަށް އާމްދަނީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ލިބުނުއިރު މިފިލްމް ވަނީ މިހާރު ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ މަޤާމް ހޯދާފައެވެ.
އެވެޓަރ ފަހަތަށް ޖައްސާލައި އެންޑްގޭމް ކުރިއަށްޖެހިލާފައި މިވަނީ 2.79 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއެކުއެވެ. މިއީ މާވެލްގެ ތާރީޚުގައިވެސް ލިބުނު ވަރުގަދަ ކާމިޔާބީއެކެވެ.
ރިޕޯޓުތައް ބުނާގޮތުން ބޮކްސްއޮފީހުގެ އެއްވަނަ ހޯދުމަށް އެންޑްގޭމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އެގޮތުން ފިލްމު ރިލީސްކުރުމަށްފަހު ވެސް އެކި ފަހަރުމަތިން އިތުރު ފުޓޭޖްތަކާއެކު އެންޑް ގޭމް ރިލީސްކޮށްފައިވެއެވެ. އަދި މީގެ އިތުރުން މާވެލްއިން އެންމެފަހުން ރިލީސްކުރި "ސްޕައިޑަރމޭން" ގެ ދެވަނަ ބައިގެ ސަބަބުންވެސް އެންޑް ގޭމް އިތުރަށް ޕްރޮމޯޓްވެ މިހަފްތާތެރޭވެސް ފިލްމަށް އިތުރު 1.19 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވެއެވެ.
ބޮކްސް އޮފީހުގެ އެއްވަނައިން އެވެޓަރ ވައްޓާލުމަށް ކުރި މަސައްކަތްތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ސޯޝަލް މިޑިއާ އިންނެވެ. އެގޮތުން ފިލްމުން ފެނިގެންދާ ޑައިލޮގެއްކަމަށްވާ 'ވަޓް އެވާ އިޓް ޓޭކްސް' ސްލޯގަންއަކަށް ހަދާ މާވެލްގެ ފޭނުން ވަނީ ސޯޝަލް މީޑިއާގައި ދައުރުކޮށްފައެވެ. މާވެލްގެ ޓީމާއި މާވެލްގެ ފޭނުންގެ މަސައްކަތާއެކު ބޮކްސް އޮފީހުގެ އެއްވަނައަށް އެންޑްގޭމް ޖެހިފައިވާއިރު ބޮކްސްއޮފީހުގައި މިހާރު މާވެލް ދަނީ ރަސްކަން ކުރަމުންނެވެ.
އެންމެ ފަހުން ރިލީސްކުރި ސްޕައިޑަރ މޭން ފާ ފްރޮމް ހޯމްއާއި ކުރިޔަށް ރިލީސްކުރަންހުރި މާވެލްގެ ގިނަ ފިލްމުތަކަށް ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.