ތަރައްްޤީ

ޖަޒީރާ ކޮންސެޕްޓް – ކާމިޔާބުވާނެބާ؟


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތުތައް މައިގަނޑުގޮތެއްގައި ބައްޓަންކޮށްފައިވަނީ ރާއްޖޭގެ ޖަޒީރާ ވަންތައް ސިފަތަށް ނުގެއްލޭނެހެނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ އެމަނިކުފާނު ކުރެއްވީ "ޖަރީޒާ" މެނިފެސްޓޯއަކާއެކުއެވެ. ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެ ވަޢުދުފުޅަކީވެސް "ޖަޒީރާ ދިރިއުޅުމެއް" ދިވެހި ރައްޔިތުންނަށް ހޯދައިދެއްވުމެވެ.

މިކަން ތަންފީޒުކުރެއްވުމަށްޓަކާ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައިވެސް ކުރީގެ ސަރުކާރުން ހިފަހައްޓާފައިވާ ކައުންސިލްތަކުގެ ބާރުތައް އަލުން އަނބުރާ ކައުންސިލްތަކަށް ދެއްވުން ހިމެނެއެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޖަޒީރާ ދިރިއުޅުން ފޯރުކޮށްދޭ ރަށްވެހިކަމުގެ ތަސައްވުރަކީ، ކޮންމެ އަތޮޅެއްގެ ދުނީން އެތެރޭގައިވާ ގުދުރަތީ ވަސީލަތްތައް އެއަތޮޅަކަށް ލިބޭ އަދި ކޮންމެ ރަށެއްގެ ކަނޑުން ހޭލާ ހިސާބުގެ ހޭފުށުން އެތެރޭގައިވާ ގުދުރަތީ ވަސީލަތްތައް އެރަކަށްލިބޭނެ ލާމަރުކަޒީ ރާއްޖެއެއްކަމަށް އެޕާޓީން ބުނެއެވެ.

މަރުކަޒީ ސަރުކާރު ބަހާލުން

ޖަރީރާ ރާއްޖެއަކަށް މަގުފަހިކުރުމަށްޓަކާ ލާމަރުކަޒީ ޤާނޫނަށް އިސްލާޙުގެނެސް، މާލީގޮތުންނާއި އިޤްތިޞާދީގޮތުން ކައުންސިލްތައް ބާރުވެރިކޮށް، ކައުންސިލްތަކުގެ ޤާބިލުކަމާއި ޒިންމާދާރުކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެގޮތުން ހަމަހަމަކަމާއެކު ހިދުމަތް ފޯރުވައިދީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހަރަކާތްތެރި ކައުންސިލުތަކެއް އުފެއްދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ދައުލަތުގެ އޮފީސްތަކާއި ސަރުކާރު މިނިސްޓްރީތަކުގެ ގިނަ މަސައްކަތްތައް ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާލާ، މާލޭގައި މަރުކަޒީ ސިފައެއްގައި ހުރިހާ ޚިދުމަތެއްދިނުމުގެ ސަޤާފަތް ނައްތާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ހަމައެހެންމެ ކައުންސިލުތަކަށް މާލީ މިނިވަންކަން ހޯދައިދިނުމުގެ ގޮތުން ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރާއި، ކަނޑާއި، މިނޫންވެސް ވަސީލަތްތަކުގެ ލިބޭ ކުލީގެ އިންސައްތައެއް އެ ކައުންސިލަތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދީ، ދަޢުލަތުގެ މާލީ ނިޒާމާ ފުށުނާރާގޮތަށް ދަރަންޏަށް ޒިންމާވުމާއި ލޯނުނެގުމުގެ ބާރު ކައުންސިލްތަކަށް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޖަޒީރާވަންތަ ތަރައްޤީ

މާލޭގެ ބައިބޯކަމާއި ތޮއްޖެހުމުގެ ވާހަކައަކީ މިހާރު އައު ވާހަކައެއްނޫނެވެ. މިއީ ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ބޮޑު އިޖްތިމާޢީ މައްސަލައެކެވެ. މިކަމަށް މި ސަރުކާރުން ދައްކާ ހައްލަކީ ލާމަޒުކަޒީ އުޞޫލުން ޖަރީޒާވަންތަ ތަރައްޤީ މުޅި ރާއްޖެއަށް ފަތުރާލުމެވެ. އެގޮތުން ރާއްޖެ ސަބްރީޖަންތަކަކަށް ބަހާލާއި، ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަކީ ރައީސް ޞާލިޙުގެ އަމާޒެކެވެ.

މިކަމަށް ބޭނުންވާ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ޕްލޭނިންގ މިނިސްޓްރީން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ޤައުމީ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ ބައެއް މުހިއްމު އުސްއަލިތައް ހިއްސާކުރައްވާފައެވެ. އެގޮތުން މި ޕްލޭންގެ ދަށުން 5 ޕްރައިމަރީ ރީޖަން، 9 ސަބް ރީޖަން އަދި 5 ކްލަސްޓަރ ރީޖަނަށް ރާއްޖެ ބަހާލުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވެފައެވެ. އަދި ޤައުމީ ތަރައްޤީގެ ޕްލޭން ނިމިގެންދާއިރު، މަސައްކަތް ކުރާނެ ގޮތާއި، އެކަމަށް ފައިނެންސް ކުރާނެ ގޮތާއި، މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމް ލައިންތައްވެސް ހިމެނިފައިވާނެކަމަށް ވިދާޅުވެފައިވެއެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްވެސް ސަރުކާރުން މިވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލޭގައި ސަރުކާރުގެ އެއްވެސް އުސް އިމާރާތެއް ނޭޅުމަށް ނިންމާފައިވާއިރު، މާލެ ވަށައިގެން ފެހިކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އަދި މާލެއަކީ ހިތްފަސޭހަ ރަށަކަށް ބަދަލުކުރުމަށްޓަކާ ހުސްޖާގަތައް ހަދައި، ބަންދުކޮށްފައިހުރި ތަންތަނާއި މަގުތައް ހުޅުވައި، ޓްރެފިކަށް ލުއިތަކެއް ވަނީ ހޯދައިދީފައެވެ. ހަމައެހެންމެ މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްގައިމު ޝަޢުގުވެރި މަންޒިލަކަށް މާލެ ބަދަލުކުރުމަށްޓަކާ މާލޭގައި ހުރި ދުވަސްވީ ތަންތަން ހިމާޔަތްކޮށް، އެތަންތަނުގެ ބޭނުން އިތުރަށް ހިފައި، އެތަންތަނަކީ އާމްދަނީ ލިބޭ އިޤްތިޞާދީ ވަސީލަތްތަކަކަށް ހަދައި، އާސާރީ ތަންތަން އިތުރަށް ތަރައްޤީކޮށް އާސާރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޖަޒީރާ މެނިފެސްޓޯ ހަޤީޤަތަކަށް ހެދޭނެބާ؟

އަމިއްލަ ރަށުގައި ތިބެގެން އުނގެނުމާއި، ޞިއްޙީ ފަރުވާ ހޯދުމާއި، ވަޒީފާއެއް އަދާކުރުން ނުވަތަ ޢަމްދަނީ ލިބޭނެ މަސައްކަތެއްކުރުން މިއީ އެތައް ދިވެހި އާއިލާއަކުން ދެކޭނެ ހުވަފެނެއްކަން ޔަޤީނެވެ. ފެނާއި ނަރުދަމާއާއި ލަފާފުރުމުގެ ޚިދުމަތްތައްފަދަ އަސާސީ ޚިދުމަތްތައް ކޮންމެ ރަށެއްގައިވެސް ޤާއިމުވެފައި ހުރުމަކީ އެންމެންވެސް ބޭނުންވާނެކަމެކެވެ.

ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުން ދިރިއުޅުމުގެ ހުރިހާކަމެއްހެން ދަތުރުފަތުރަށް ބަރޯސާވެފައިވާއިރު، ދަތުރުފަތުރާއި ދިރިއުޅުމުގެ ޚަރަދުތައް ރާއްޖޭގައިވެސް މިވަނީ އިންތިހާ ދަރަޖައަށް ބޮޑުވެފައެވެ. ވަޒީފާ އަދާނުކުރާ ޒުވާނުންގެ އިންސައްތަ އިތުރުވަމުންދިއުމާއެކު، ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާތަކުގައި ހަރަކާތްތެރިވަމުންދިއުމަކީ މިއަދު ރާއްޖޭގެ އިޤްތިޞާދަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

ކަން މިހެން އޮތްއިރު، މާލޭ ސަރަޙައްދަށް މީހުން ޖަމާކުރުމުގެ ބަދަލުގައި، އަރބަން ރީޖަންތަކެއްގެ ގޮތުގައި ރާއްޖޭގެ އެކި ސަރަޙައްދުތައް ތަރައްޤީކުރުން މިއީ ޝައްކެއްވެސްނެތް ގޮތުގައި ދުރު ރާސްތާގައި އެކަމުގެ ސަބަބުން އެތައް ފައިދާތަކެއް ލިބޭނެކަމެއްކަން ޔަޤީނެވެ. މިހުރިހާ ކަމަކާއެކުވެސް ރައީސް ޞާލިޙުގެ ޖަޒީރާވަންތަ ކޮންސެޕްޓަކީ ހަޤީޤަތުގައިވެސް ތަންފީޒުކުރެވިދާނެކަމެއްތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.

މިފަދަ ކޮންސެޕްޓަކަށް ރާއްޖެ ތަރައްޤީކުރެވިއްޖެނަމަ، ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި ސިޓީ ފެންވަރުގައި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެ، ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. ރައްޔިތުންނަށް އޮތީ ކެތްތެރިކަމާއެކު އިންތިޒާރުކުރުމެވެ. ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ރައީސް ޞާލިޙުގެ ޖަޒީރާ މެނިފެސްޓޯއަށް އާނ ބަސްބުނެ، އެމަނިކުފާނާއި ވެރިކަން ހަވާލުކުރައްވާފައިވާއިރު، ރައްޔިތުންގެ ބަސް އިއްވާ ޤާނޫނު ހަދާ މަޖިލީހުގެ ސުޕަރ މެޖޯރިޓީވެސް ސަރުކާރަށް މިވަނީ ދީފައެވެ. އެހެންކަމުން މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިހާރުގެ ސަރުކާރަށް މާބޮޑު ހުރަސްތަކެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ފެހިކަންގަދަ ޖަޒީރާ ރާއްޖެއަކަށް ދިވެހިން މިހާރު ތިބީ އިންތިޒާރުގައެވެ.