ސިޔާސީ

މެންބަރުން ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދުނު - ޕީޖީ ބިޝާމް


ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާކަމަށާ، ނަމަވެސް އެޢަމުރުތައް ނެރެދީފައި ނުވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ގަދަކަމުން މަޖިލީހުގެ އިދާރާއަށް ވަންނަން އުޅުނުމައްސަލާގައި ޕީޖީން ދައުވާކޮށްފައިވާތީ އެކަމާމެދު، މިއަދުގެ ކޮމިޓީގެ މެންބަރުން ވަނީ ޕީޖީއާ ސުވާލުކުރައްވާފައެވެ.

ސުވާލުތަކަށް ޖަވާބުދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމް ވިދާޅުވީ، މަޖިލީހުގެ އިދާރާއަށް މެންބަރުން ވަނަނުދިން މައްސަލާގައި އެ މެންބަރުން ހައްޔަރުކޮށްދިނުންއެދި ފުލުހުންގެ ފަރާތުން ތަކުރާރުކޮށް ޕީޖީގައި ދަންނަވާފައިވާކަމަށެވެ. އެގޮތުން ފުލުހުންގެ އެންމެ އާދައިގެ އޮފިސަރުންވެސް ބައެއް މެންބަރުން ހައްޔަރުކޮށްދިނުން އެދި ސިޓީ ފޮނުވާފައިވާކަން ފާހަގަކުރައްވައި ޕީޖީ ބިޝާމް ވިދާޅުވީ، އެގޮތަށް އެދުނު އެއްވެސް ބަންދުގެ ޢަމުރެއް ޕީޖީގެ ފަރާތުން ނެރެދީފައި ނުވާނެކަމަށެވެ.

"މެންބަރުން ހައްޔަރުކޮށްދިނުން އެދި އަޅުގަނޑަށް އެޑްރެސްކޮށް ސިޓީ ފޮނުވާފަ އެބަހުރި ވަރަށް ޖޫނިޔަރ އިންވެސްޓިގޭޓަރ ލެވެލްގެ މީހުންވެސް. މިވެނި އެވެނި މެންބަރަކު މިވެނި ސަބަބަކަށްޓަކއި ހައްޔަރުކޮށްދިނުމުގެ ޢަމަރަކަށް އެދިފައެބަހުރި. އަޅުގަނޑު އެ އަމުރު ނެރެދީފައިނުވާނެ." ޕީޖީ ބިޝާމް ވިދާޅުވިއެވެ.

ޕީޖީ ބިޝާމް ވިދާޅުވީ، ބަންދުގެ ޢަމުރު ހޯދުމަށް ފުލުހުން ވަރަށް ގިނަ ފަހަރު މަސައްކަތްކުރިނަމަވެސް ކޮންމެފަހަރަކުވެސް ފުލުހުންގެ ފަރާތުން ހަދާފައިވާ ގޯސްތައް ފާހަގަކޮށްފައިވާނެކަމަށެވެ. ބިޝާމްގެ ވާހަކަފުޅުގައި ޕްރޮސެކިއުޓަރ ޖެނެރަލާހަމައަށް ފޮނުވި ކޮންމެ މައްސަލައެއްގައި ދައުވާކޮށްފައިވެސްނުވާނެކަމަށާ، އެމައްސަލަތަކުގައިހުރި ހެއްކާއި ގެރީނާތަކަށް ރިޔާޢަތްކޮށްފައި މެނުވީ ދައުވާކޮށްފައި ނުވާނެކަމަށް ވިދާޅުވިއެވެ.

ކޯޓް މަރުޙަލާގައި ކުރިއަށްދާ ބައެއް މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ "ސްޓޭންޑް" ބަދަލުކުރާކަމަށް ކުރާތުހުމަތުތަކަށްވެސް ބިޝާމް ވަނީ ޖަވާބުދެއްވާފައެވެ. އޭނާ ވިދާޅުވީ، އެއްވެސް ސަބަބެއްނެތި އެއްވެސް މައްސަލައެއްގައި ސްޓޭންޑް ބަދަލުކޮށްފައި ނުވާނެކަމަށެވެ. ކޯޓް މަރުހަލާގައިވާ މައްސަލަތައް އަނބުރާ ޕީޖީ އޮފީހަށް ގެނައުމުގައިވެސް އަދި ސްޓޭންޑް ބަދަލުކުރުމުގައިވެސް އެސަބަބެއް ފުލުހުންނަށާއި، ކޯޓްތަކަށް ވަރަށް ތަފްސީލްކޮށްދީފައިވާނެކަމަށް ބިޝާމް ވިދާޅުވިއެވެ. އެގޮތަށް ނިންމާފައިވާނީ ކޯޓްތަކުން ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށްފައިކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.