އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކަށް ނަޞޭޙަތްތެރިވުމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ނިންމަވައިފިއެވެ.
ޖޭއެސްސީން ނަސޭހަތްތެރިވުމަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފާއި އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އަށެވެ. މިފަނޑިޔާރުންނަށް ނަސޭހާތްތެރިވާން ޖޭއެސްސީން ނިންމާފައިވަނީ އެ ފަނޑިޔާރުންނާ ގުޅޭގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ ދެ ޝަކުވާއެއް އެކޮމިޝަނުގެ ކޮމެޓީއަކުން ތަޙްޤީގުކުރުމަށްފަހު، ކޮމިޓީގެ ތަޙުޤީޤު ނިމުނުގޮތުގެ ރިޕޯޓު ކޮމިޝަނުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތުމަށްފަހުގައެވެ.
މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ތަޙްޤީޤުކުރެވިފައިވާ ޝަކުވާގެ ރިޕޯޓާ ގުޅިގެން ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް ޖަލްސާއިން ތަނާޒުލް ވުމާގުޅިގެން އެއައިޓަމް ނިމެންދެން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ނައިބުރައީސް އަލްއުސްތާޛު މަސްތޫރު ހުސްނީއެވެ.
ކޮމިޝަނުގެ 9 މެންބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގެ މި ނިންމެވުމާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 30ވަނަ މާއްދާގައި ބަޔާންކުރާ ފުރުޞަތުގެ ދަށުން ތަޙުޤީޤު ރިޕޯޓަށް ޖަވާބުދާރީ ވުމަށް 30 ދުވަހުގެ މުއްދަތު މާދަމާއިން ފެށިގެން އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފާއި ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އަށް ދިނުމަށް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައިވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރެއްގެ ބަޔާން ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން މިދިޔަ ހަފްތާގައި ނަގާފައިވާއިރު، އެނގިފައިވާ ގޮތުގައި ޖޭއެސްސީއަށް ހުށައަޅާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ސޮއިކުރުމަށްފަހު، ފަހުން އެ އަމުރު ބާޠިލްކަމަށް ކަނޑައަޅާ ސޮއިކުރި މައްސަލައެކެވެ.
2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ފަސް ފަނޑިޔާރުންގެ ސޮޔާއެކު ޢަމުރު ނެރުނު މައްސަލާގައި އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކުރިއެވެ. އަދި ފަހުން ވަނީ އެ ޢަމުރުގައި ސޮއިކުރެއްވި އަނެއް ތިން ފަނޑިޔާރުން އެ ޢަމުރު ބާޠިލުކޮށްފައެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވެސް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ނިންމާފައެވެ.