ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ މަޝްވަރާތަކެއް ކުޅުދުއްފުށީގައި ފަށައިފި


ޤައުމީ ތަރައްޤީގެ ޕްލޭންގެ އެކުލަވާލުމުގައި ކަމާ ގުޅުންހުރި ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އުތުރުގެ ދެއަތޮޅަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުންތައް ފަށައިފިއެވެ.

ހއ އާއި ހދ އަތޮޅަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ދެ ދުވަހުގެ މި މަސައްކަތު ބައްދަލުވުން ފަށާފައިވަނީ މިއަދު ހެނދުނު ހދ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހޯލުގައެވެ. މި މަސައްކަތު ބައްދަލުވުމުގައި ހއ އާއި ހދ އަތޮޅުގެ ކައުންސިލްތަކާއި މަދަނީ ޖަމްޢިއްޔާތައް ހިމެނޭގޮތަށް 62 ފަރާތަކުން ބައިވެރިވެއެވެ.

މިމަސައްކަތު ބައްދަލުވުމުގައި ޤައުމީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ތަފާތު ކަންކަމާ ގުޅޭގޮތުން ބައިވެރިންނާއި މަޝްވަރާކޮށް ޚިޔާލު ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ޤައުމީ ތަރައްޤީގެ ޕްލޭނަކީ ކުރިއަށް އޮތް 4 އަހަރު ރާއްޖޭގައި ކުރުމަށް ނިންމާ ކަންކަން ހިމެނުމަށް ކަނޑައަޅާ ތަރައްޤީގެ ޕްލޭނެކެވެ. މި ޕްލޭން ނިމިގެންދާއިރު، މަސައްކަތް ކުރާނެ ގޮތާއި، އެކަމަށް ފައިނެންސް ކުރާނެ ގޮތާއި، މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމް ލައިންތައްވެސް ނިންމާނެކަމަށް ޕްލޭނިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ޕްލޭން ހަދާއިރު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މާލޭ އޭރިއާގެ ތޮއްޖެހުންތައްކުޑަކޮށް، މަޝްރޫޢުތައް މުޅި ރާއްޖެއަށް ބަހާލައިގެން ކުރިއަށްގެންދިއުން ކަމަށާ، އެގޮތުން މި ޕެލޭން ނިމޭއިރު އެކި ލެވަލްގައި 19 ރީޖަނެއް ތަރައްޤީކުރާނެކަމަށްވެސް ޕްލޭނިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޕްލޭނިގް މިނިސްޓްރީން ކުރަމުންދަނީ ކަމާ ގުޅުންހުރި އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާ އެކުގައެވެ.