ޓުއަރިޒަމް

ރާއްޖެއިން ޗައިނާގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި


ރާއްޖޭގެ ޓުއަރިޒަމް ދާއިރާއަށް ދުއިސައްތަ މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް އައުމަށް މަގުފަހިވާ އެއްބަސްވުމެއްގައި ޗައިނާ ސަރުކާރު ހިއްޞާވާ ކުންފުންޏަކާއެކު ޓުއަރިޒަމް މިނިސްޓްރީން މިއަދު ސޮއިކޮށްފިއެވެ.މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބް ވިދާޅުވީ ޗައިނާ ސަރުކާރުގެ އެންމެ ބޮޑެތި ކުންފުނިތަކުގެތެރެއިން ކުންފުންޏަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް އައުމަކީ އޭގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށެވެ. އަދި އިންވެސްޓްކުރުމާއިމެދު އިތުރުޔަގީންކަމެއްވެސް މިއިން ލިބިގެންދާކަމަށް ވިދާޅުވިއެވެ.މިނިސްޓަރ އަދީބް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރި ޗައިނާ ސަރުކާރުގެ ކުންފުންޏަކީ ހުޅުމާލޭގައި ފަތުރުވެރިކަމާއި ނަރުދަމާއާއި މަގުހެދުމުގެ މަސައްކަތަށްވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުންޏެއްކަމަށެވެ.މިއަދު މިސޮއިކުރެވުނު އެއްބަސްވުމަކީ ތ.ކަޅުފަހަލަފުށީގައި ފަތުރުވެރިކަމަށް އިންވެސްޓްކުރުމަށް ފީޒިބިލިޓީ ސްޓަޑީހެދުމުގެ އެއްބަސްވުންކަމަށާއި މިސްޓަޑީއަށްފަހު މިއަހަރު ނިމުމުގެ ކުރިން އަމަލީގޮތުން މިމަޝްރޫއުގެ މަސައްކަތް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ އަދީބް ވިދާޅުވިއެވެ.ކަޅުފަހަލަފުށީގައި އިންވެސްޓްކުރުމަށް މިއަދު ޓޫރިޒަމް މިނިސްޓްރީއާއެކު ސޮއިކުރި ކުންފުންޏަކީ ޗައިނާގެ ސަރުކާރު ހިއްޞާވާ ކުންފުންޏެއްކަމަށްވާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަންއެވެ.އެކުންފުނީގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު އެކުންފުންޏަށް ލިބުނަކީ އެކުންފުންޏަށް ލިބިގެންދިޔަ ވަރަށް ރަގަޅު ފުރުސަތެއްކަމަށެވެ.މިހާރު ހުޅުމާލެއިން ހިއްކާފައިވާ ބިމުގައި ޓުއަރިޒަމްދާއިރާއަށް ޙާއްޞަކުރެވޭ ސަރަހައްދުގައި އިންވެސްޓް ކުރުމަށްވެސް ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުންޏެއްކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.