ވިޔަފާރި

އަންނަ މަހު ސަރުކާރުން މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ


އަންނަ އޮގަސްޓުމަހު ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ފިނޭނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް މިހާރު މިނިސްޓްރިން ކުރައްވަމުންގެންދަވާކަމަށާއި އަންނަ މަހު މަޖިލީހަށް މި ބަޖެޓް ހުށަހަޅާނެކަމަށެވެ. އަދި ބަޖެޓް ނިންމާ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ބަޖެޓުގެ ތަފްސީލު އާންމުކުރާނެކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށް ނިންމާފައި. އޮގަސްޓުމަހުގެ ތެރޭގައި ބަޖެޓް ހުށަހަޅާނަން. ބަޖެޓް ހަދައެއް ނުނިމޭ އަދި. މަސައްކަތްކުރަމުން މިދަނީ. ބަޖެޓް ހުށަހެޅި ދުވަހުވެސް އަޅުގަނޑުމެން ވާނެ ބުނެފަ ސަޕްލިމެންޓަރީ ބަޖެޓެއް ދޭން ޖެހޭނެއޭ. އަޅުގަނޑުމެން މިދަނީ ވީހާވެސް އަވަހަކަށް ބަޖެޓެއް ހުށަހެޅޭތޯ ބަލަމުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުމަށް ނިންމާފައިވެއެވެ. އެގޮތުން ވެރިކަމާއި ހަވާލުވާތާ ހަމަސް ދުވަހުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިއްޔެ ޕްލޭނިންގ މިނިސްޓަރ އަސްލަމް ވަނީ ބަޖެޓްގެ ދަތިކަމާއި ހުރެ ގިނަ މަޝްރުޢުތަކެއް ނުފެށި ހުރިކަމަށް ފާހަގަކުރައްވާފައެވެ. އަދި މިއީ މިދިޔަ އަހަރު ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫޢުތަކަށް އެކަށީގެންނުވާ ކުޑަ އަދަދުތައް ކަނޑައަޅާފައި ހުރުމުންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަންނަ އޮގަސްޓުމަހު ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާއިރު ބަޖެޓްގައި ދިމާވެފައިވާ މިފަދަ ދަތިތައް ހައްލުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.