ކުޅިވަރު

މިއީ އެންމެންގެ ސަޕޯޓުން ލިބުނު ކާމިޔާބެއް، މުޅި ޤައުމަށް ޝުކުރިއްޔާ! - ދީމާ


މިދިޔަ އަހަރެއްހާ ދުވަހަށް ބަލާއިރު ޓޭބަލް ޓެނިސްގެ ވާހަކަ ކުރިން ނުދައްކާ އެތައް ބަޔަކު މި ކުޅިވަރުގެ ވާހަކަދައްކަން ފަށައިފި އެވެ. އެތައް ބަޔަކު މި ކުޅިވަރަށްދޭ ސަމާލުކަން ބޮޑުވެއްޖެ އެވެ. ޓީޓީއަކީ ބައިނަލްއަގްވާމީ މައިދާނުގައި ބޮޑެތި ކާމިޔާބީތައް ހޯދާނެ ކުޅިވަރެއްކަމަށް ޔަގީންކުރާ މީހުން ގިނަވެއްޖެ އެވެ. އެއީ އެންމެ ކުޅުންތެރިއެއްގެ ސަބަބުން ނެވެ. އުމުރުން އެންމެ 11 އަހަރުގެ ފާތިމަތު ދީމާ އަލީގެ ސަބަބުން ނެވެ.

11 އަހަރުގެ ދީމާ ޖޫނިއަރ އުމުރުފުރާތަކުގެ ސަރަޙައްދީ މުބާރާތްތަކުގައި މިދިޔަ އަހަރެއްހާދުވަހު ހޯދި ކާމިޔާބީތަކާއިއެކު ކުޅިވަރަށް ޝައުގުހުރި މީހުންގެ ތެރެއިން އޭނާ ނުދަންނަ މީހެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް އޭނާގެ ވިދުން ގަދަ އެވެ.

2018ގެ ސާކް ސަރަޙައްދުގެ ޓޭބަލް ޓެނިސް މުބާރާތުގެ ރަން މެޑަލް ދީމާ ހޯދީ ޓީޓީގައި ދުނިޔޭގެ ގަދަ ބާރެއްގެ ގޮތުގައި ގުނަމުން އަންނަ ވަރުގަދަ އިންޑިޔާގެ ކުޅުންތެރިއެއް ބަލިކޮށްގެން ނެވެ. އޭގެ ފަހުން ތައިލެންޑްގައި ކުރިއަށްދިޔަ އޭޝިޔާ ހޯޕްސްއިން އޭނާ ރިހި މެޑަލްވެސް ހޯދި އެވެ. މި ކާމިޔާބީތަކާއިއެކު މިފަހަރުގެ އައިއޯއައިޖީގައި ދިމާއާއިމެދު އެންމެންގެ އުއްމީދުތައް ހުރީ ވަރަށް އުހުގަ އެވެ.

ހުރިހާ އެންމެންގެ އުއްމީދުތަކުގައި ހަޤީޤީ ކުލަ ޖެއްސުމުގައި ދީމާ ތަންފުކެއްވެސް ދޫނުދެ އެވެ. ފުރަތަމަ މެޗުގައި އައިއޯއައިޖީގެ ޗެމްޕިއަން މޮރީޝަސްގެ ކުޅުންތެރިން ދީމާ ބަލިކޮށްލީ ފަސޭހަކަމާއިއެކުގަ އެވެ. ފުރަތަމަ މެޗާއިއެކު މުބާރާތުގައި ވާދަކުރި ހުރިހާ ޤައުމެއްގެ ސަމާލުކަން ދީމާއަށް ހުއްޓިއްޖެ އެވެ. ސަޕޯޓަރުންގެ މެދުގައި ދިމާގެ މަޤުބޫލުކަން ބޮޑުވެއްޖެ އެވެ. ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމުން ޗެމްޕިއަން މޮރީޝަސް 3-2 އިން ބަލިކުރިއިރު ރާއްޖެއިން ކާމިޔާބުކުރި ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވީ ދިމާ އެވެ.

އެ މެޗަށްފަހު މޮރީޝަސްގެ ސަޕޯޓަރުންނާއި ބައެއް ކުޅުންތެރިންގެ ބެލެނިވެރިންވެސް ދީމާގެ ވާހަކަ އަހައި ދީމާއާއެކު ފޮޓޯ ނަގައިހެދި އެވެ. އަދި ދީމާގެ ހުނަރަށް ތަޢުރީފުކުރި އެވެ. މޮރީޝަސްގެ ސްޕޯޓްސް މިނިސްޓަރުވެސް ހުރީ ދީމާގެ ހުނަރު ފެނިފައި އަންތަރީސްވެފަ އެވެ.

ދިވެހި ޓީމް ފައިނަލަށް ނިކުތްއިރުވެސް ރަން މެޑަލް ހޯދާނެކަމަށް ކުރި އުއްމީދުތަކުގެ މައިގަނޑު ސަބަބަކީ ދީމާ އެވެ. އޭނާ ގްރޫޕް ސްޓޭޖާއި ސެމީ ފައިނަލްގައި ދެއްކި މޮޅު ކުޅުމެވެ. ނަމަވެސް މޮރީޝަސްގެ އަޑުގަދަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ޓައިގައި ދީމާއަށް ޖާދޫ ދެއްކޭ ގޮތެއް ނުވި އެވެ. 3-1އިން އެ ޓައިން ދިވެހިރާއްޖެ ބަލިވީ އެވެ. ދެވަނަ މެޗު ރަފާ ކާމިޔާބުކޮށް ރަން މެޑަލްގެ އުއްމީދު ދެމެހެއްޓުމާއިއެކު ދީމާ ނިކުމެ ފެންވަރު ދައްކާލި އެވެ. ހަތަރު ވަނަ ޓައިގައި މޮރީޝަސްގެ ޗެމްޕިއަން ބަލިކޮށްލީ އިތުބާރާއިއެކު ކުޅެއެވެ.

މެޗަށްފަހު ދީމާ ބުނީ ފައިނަލްގެ ފުރަތަމަ ޓައިގައި ބަލިވިޔަސް "ގިވްއަޕް" ނުކުރާކަމަށާއި، ސަބަބަކީ މުބާރާތުގެ ކޮންމެ މެޗެއްގައިވެސް އޭނާއަށް ހުރިހާ ދިވެހިން ދޭ ސަޕޯޓެވެ. އަދި ހުރިހާ ދިވެހިންނަށްޓަކައި މޮޅަށް ކުޅެން ބޭނުންވިކަމަށާއި، މިއަދާއި ހަމައަށްވެސް އެންމެން ދޭ ސަޕޯޓަށް ޝުކުރު އަދާކުރާކަމަ ށެވެ.

"ދީމާއަށް ހިތަށް އެރި ފަސްޓް މެޗުން ބަލިވީމަވެސް ގިވްއަޕް ނުކުރާނަމޭ، ގިވްއަޕްކޮށްފިއްޔާ ބަލިވާނެއޭ، މިއީ އެންމެންދިން ސަޕޯޓުން ލިބުނު ކާމިޔާބެއް، ތެންކިޔު ބުނަން ބޭނުން ރާއްޖޭގެ އެންމެންނަށް"

އޭޝިޔާ ހޯޕްސްއިން ރަން މެޑަލް ހޯދައި މިދިޔަ މެއިމަހު ދީމާ ޓީވީއަށް ދިން އިންޓަވިއުގައި ބުނީ އަބަދުވެސް ބޭނުންވަނީ ރާއްޖެއަށް ރީތިނަމާއި ފަޚުރު ހޯދައިދޭންކަމަށާއި، އައިއޯއައިޖީގައި މިފަހަރު ރަން މެޑަލް ހޯދުމަށް މަސައްކަތްކުރާނެކަމަށެވެ.

ހިތްވަރާއިއެކު ކުރި މަސައްކަތުން ދީމާގެ އަލިގަދަކަން ސާކް ސަރަޙައްދުން އޭޝިޔާ ސަރަހައްދަށްދިޔަގޮތަށް މިހާރު އެފްރިކާގެ ޤައުމުތަކާއި ހަމައަށްވެސް އައީއެވެ. ދެން އޮތީ މި އަލިގަދަ ތަރި ދުނިޔޭގެ ފެންވަރުގެ މުބާރާތެއް ހިސާރުކުރާ ތަން ބަލާލުމެވެ. މިހާރު ދީމާ އެކުރާ މަސައްކަތާއި ހޯދާ ކުރިއެރުމަށް ބަލާއިރު އެއީ ނުވާނެކަމެއް ނޫނެވެ.