ކުޅިވަރު

ހުރިހާ ގޮތަކުންވެސް އަންހެން ޓީޓީ ޓީމަށް ރަން މެޑަލް ހައްގު: ޝިއުރީ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް ޓީމް އިވެންޓުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ހުރިހާ ގޮތަކުންވެސް ރަން މެޑަލް ހައްގުކަމަށް ކޯޗު އިބްރާހިމް ޝިއުރީ ބުނެފިއެވެ.

ރާއްޖޭގެ ޤައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުންވަނީ 10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރަން މެޑަލް ހޯދައި ތާރީޚުން ޖާގަ ހޯދާފައެވެ.

މި ކާމިޔާބީއަށްފަހު ކޯޗު އިބްރާހިމް ޝިއުރީ ބުނީ ރަން މެޑައްޔަކަށް އަމާޒުކޮށްގެން ޓީމުން ކުރި މަސައްކަތާއި، އެސޯސިއޭޝަނުން ކުރި މަސައްކަތާއި، ކުރި ތަމްރީންތަކާއި ހުރިހާކަމަކަށް ބަލާއިރު މިފަހަރުގެ ގޭމްސްއިން ރަން މެޑަލް ލިބުން ޓީމަށް ހައްގުކަމަށެވެ. އޭނާ ބުނީ ފުރަތަމަ މެޗުން ފެށިގެން ފައިނަލާއި ހަމައަށް ޓީމުން ދެއްކި ކުޅުމަށް ބަލާއިރުވެސް "އައުޓްސްޓޭންޑިންގ" ކުޅުމެއް ޓީމުން ދެއްކިކަމަށާއި، މިއީ ހުރިހާ ގޮތަކުންވެސް ހައްގު ކާމިޔާބީއެއްކަމަށެވެ.

ޝިއުރީ ބުނީ 2015ގެ ޗެމްޕިއަން މޮރީޝަސްގެ ސަޕޯޓަރުންގެ ކުރިމަތީގައި އެޓީމް ދެ ފަހަރަށް ބަލިކުރުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ހޯލުގައި ސަޕޯޓަރުންގެ އަޑުގަދަކަމުން ބައެއް ފަހަރު ކުޅުންތެރިންނަށް ދޭ އިރުޝާދުވެސް އަޑު ނީވޭވަރަށް އަޑުގަކަމަށެވެ. މި ހުރިހާ ޗެލެންޖަކާއިއެކުވެސް މިވަރުގެ ބޮޑު ކާމިޔާބެއް ލިބުމަކީ މުޅި ޓީޓީ އާއިލާއާއި ކުޅިވަރުގެ އާއިލާއަށް ލިބުނު ބޮޑު އުފަލެއްކަމަށް އޭނާ ބުންޏެވެ.

"އެންމެ ހިތްހަމަ ޖެހެނީ ބޮޑު ޗެލެންޖަކާއިއެކު މޮޅުވީމަ، އެމީހުން ސަޕޯޓަރުން އެހާ ގިނަ، އެހާ އަޑުގަދަ، ވުވުޒެލާއައި އޭތި މީތި ބޭނުންކޮށްގެން ހަޅޭލަވާއިރު ކުޅުންތެރިންނަށް ދޭ އިރުޝާދުވެސް އަޑު ނީވޭ ފަހަރު އާދޭ، ހޯމް ޓީމް ދެ ފަހަރަށް ބަލިކޮށް ރަން މެޑަލް ހޯދުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން"

ޝިއުރީ ބުނީ ފައިނަލުން ފަސޭހައިން ބަލިވިނަމަ މާބޮޑަށްވެސް ދެރަވީސްކަމަށާއި، ތައްޔާރުވީވެސް ރަން މެޑަލް ނުލިބުނަސް ވަރުގަދަ ވާދައެއްކުރަންކަމަށެވެ. ކުޅުންތެރިންގެ މަސައްކަތުން މިވަރުގެ ބޮޑު ކާމިޔާބެއް ލިބުމަކީ ޓީޓީއަށް އޮތް އުއްމީދުތައް އިތުރުވާނެކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

ޝިއުރީވަނީ މި ކާމިޔާބީ ހޯދުމުގައި ޓީމަށް ހުރިހާ ގޮތަކުން އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ދިވެހި ސަރުކާރުން ދެއްވާ ސަޕޯޓާއި، ޓީޓީ އާއިލާގެ ހުރިހާ މެމްބަރުންނާއި، ބެލެނިވެރިންގެ އިތުރުން ކުޅިވަރުގެ މުޅި އާއިލާ ޖުމްލަކޮށް ޝިއުރީ ފާހަގަކުރިއެވެ.