ޚަބަރު

އަންނަ ހޮނިހިރު ދުވަހު މާލޭގައި ހަވީރު ވެހިކަލް ދުއްވުން މަނާ


މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އަންނަ ހޮނިހިރު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އަންނަ ހޮނިހިރު ދުވަހު މެންދުރު ފަހު 03:30 އިން ފެށިގެން އިރުއޮއްސި 06:30 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުމަކީ މަނާކަމެއް ކަމަށެވެ. .

އަންނަ ހޮނިހިރު ދުވަހު ފައިމަގުގައި އުޅޭ ގޮތަށް ނިންމީ މިނިވަންދުވަހާ ގުޅިގެން މާލޭގެ މަގުތަކުގައި ޕެރޭޑާ ރޫޓް މާޗް ކުރިއަށްދާއިރު ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންގެ އިތުރަށް ގިނަ އަދަދެއްގެ ޒުވާނުން އެދުވަހު އެ ހަރަކާތް ބަލާލުމަށްޓަކައި މަގުމައްޗަށް ނުކުމެ އުޅޭއިރު ގެއްލުން ލިބިދާނެތީކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ޕެރޭޑް ކުރިއަށްދާ ވަގުތު ޓްރެފިކަށް ދިމާވެދާނެ މައްސަލަތައް ހައްލުވެގެންދާނަކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މިއަހަރުގެ މިނިވަން ދުވަސް ދިމާވަނީ އަންނަ ހުކުރު ދުވަހާއި އެވެ. މި އަހަރުވެސް މިނިވަން ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު މި އަހަރު މިނިވަންދުވަހު ފުޅަނދު ބުރު އަނެއްކާވެސް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. މިނިވަންދުވަހުގެ އުފަލުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުް މިމަހުގެ 28 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ސިޓީ ކައުންސިލުން އަންނަނީ ރާއްޖޭގައި ފާހަގަކުރާ މުހިއްމު ދުވަސްތަކާއި ގުޅުވައިގެން ފައިމަގުގައި އުޅޭ ދުވަސްތައް ކަނޑައަޅަމުންނެވެ. މިގޮތުން މިދިޔަ ކުޑަ އީދުދުވަހަކީވެސް ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ކަނޑައެޅިއެވެ. އަދި އެދުވަހު ގިނަ ބަޔަކުވަނީ އާއިލާތަކާއި އެކު މަގުމައްޗަށް ނުކުމެ އީދުގެ އުފާ ފާހަގަކޮށްފައެވެ.