ތިން ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔަތުގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވަނީ ބައެއް ރަށްރަށުގައި އަދިވެސް ކުނި މެނޭޖުކުރެވޭނެ ވަޞީލަތްތައް ޤާއިމުވެފައި ނެތްކަން ފާހަގަކުރައްވާ، އެކަން ހައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަކަމަށެވެ. އެގޮތުން އަދިވެސް ރާއްޖޭގައި ކުނިމެނޭޖުކުރާނެ ވަޞީލަތްތައް ޤާއިމުކޮށްފައި ނުވާ ރަށްރަށް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައެއް ރަށްރަށުގައި ކުނިމެނޭޖުކުރުމަށް ސެންޓަރުތައް ޤާއިމުކޮށްފައިވީނަމަވެސް އެ ސެންޓަރުތަކުގައި މަސައްކަތް ކުރެވޭނެ ވަޞީލަތްތައް ނެތް ރަށްރަށް އެބަހުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކުނި މެނޭޖް ކުރުމަކީ ބޮޑު މަސައްކަތެއްކަމުން އެކަން ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ސްޕީޑުގައި މިމަސައްކަތް ކުރިއަށް ނުދަނީ މިމިއީ ބޮޑު މަޝްރޫޢަކަށްވެފައި މިފަދަ މަޝްރޫޢުތަކަށް އެހީވަނީ ބޭރުގެ އެކި ޤައުމުތަކާއި ޖަމާޢަތްތަކުންކަމުން، އެކަން ކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަގުތު ބޭނުންވާތީކަމަށެވެ.
ޒޯން 2 ގައި ހިމެނޭ ރަށްރަށުގައި ކުނި މެނޭޖުކޮށް ސެންޓަރުތައް އަޕްގްރޭޑުކުރުމަށްވަނީ ބަޔަކާއި ޙަވާލުކޮށްފައެވެ. އެގޮތުން ބ.ދޮންފަނު ކުނިމެނޭޖުކުރާ މަރުކަޒުގެ މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނި ވެހި-ކޮން ޕްރައިވެޓް ލިމިޓެޑާ އެވެ. އެކުންފުންޏާއި މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ 2 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި ބ.ހިތާދޫ ކުނިމެނޭޖުކުރާ މަޒުކަޒުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެލް.އެޕް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. 3 މަސްދުވަހުގެ ތެރޭގައި ނިންމުމަށް މިމަސައްކަތް ޙަވާލުކޮށްފައިވަނީ 1.7 މިލިއަން ރުފިޔާއަށެވެ. އަދި ރ.އުނގޫފާރުގެ ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި ނިންމުމަށްޙަވާލުކޮށްފައިވަނީ ވެހި-ކޮން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 8 ލައްކައަށްވުރެ ގިނަ ރުފިޔާގެ މިމަޝްރޫއެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މިމަޝްރޫޢުތަކުގެ މަސައްކަތް ނިމުމުން މިތިންރަށުގައި ކުނި ރަނގަޅުގޮތުގައި މެނޭޖުކުރެވޭނެކަމަށެވެ.