ސިޔާސީ

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ޖޫން 12ގައި އެއްވުމެއް ބާއްވަނީ


ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައި ވާ އިއްތިހާދުގެ ފަރާތުން އަންނަ ޖޫންމަހުގެ ބާރަވަނަ ދުވަހު، އަނެއްކާވެސް އެއްވުމެއް ބާއްވަން ނިންމައިފިއެވެ.އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، ވިދާޅުވީ މި ފަހަރުގެ އެއްވުން އިންތިޒާމްކުރުމުގެ ޒިންމާ ނަގަނީ އެމްޑީޕީން ކަމަށެވެ. އަދި މި އެއްވުމަކީ ޤާނޫނު އަސާސީން ލިބިދޭ ހައްޤުތަކުގެ ތެރެއިން ހިންގޭ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.ސިޔާސީ ކަންކަމުގައި މަޝްވަރާގެ އުސޫލޫން ކަންކަން ނިންމުމަށް ސަރުކާރުން ގޮވާލައްވާފައި ވާ ގޮވާލެއްވުމާއި ގުޅޭގޮތުން ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ އެކި ކަންކަމުގައި އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށް އިސްވެ ގޮވާލާފައި ވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީން ކަމަށެވެ.އިދިކޮޅު ފަރާތްތަކުން މޭމަހުގެ އެއްވަނަ ދުވަހު ބޭއްވި އެއްވުން ނިމިފައިވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި އެތައް ބަޔަކަށް ހާނިއްކަވުމަށްފަހުއެވެ.މިހަމަނުޖެހުންތަކުގައި އެންމެ ބޮޑެތި ހާނިއްކަތަކެއް ލިބިފައިވަނީ ފުލުހުންނަށެވެ.