ކުޅިވަރު

ފުރަތަމަ މެޗުގައި ބާސްކެޓް ޓީމް ވަރުގަދަ ރިޔޫނިއަން އަތުން ބަލިވެއްޖެ


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެން ބާސްކެޓްބޯޅައިގައި ދިވެހިރާއްޖޭ ވާދަކުރި ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ވަރުގަދަ ރިޔޫނިއަންއާއި ވާދަކޮށް ދިވެހިރާއްޖެ ބަލިވީ 106 ޕޮއިންޓް، 42 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ކުއާޓަރގައިވެސް ރިޔޫނިއަންގެ މޮޅު ކުޅުން ފެނުނެވެ. އިސްކޮޅުން ދިގު ކުޅުންތެރިންގެ ފައިދާ ނަގައި އެޓީމުން މި ކުއާޓަރގައި 23 ޕޮއިންޓް ސްކޯރކުރިއެވެ. ރާއްޖެއަށް މި ކުއާޓަރގައި ސްކޯރކުރެވުނީ އެންމެ ހަތަރު ޕޮއިންޓުންނެވެ. ދެވަނަ ކުއާޓަރގައި ދިވެހި ޓީމުްނ ކުޅުންް ރަނގަޅުކޮށް 17 ޕޮއިންޓް ސްކޯރކުރިއެވެ. މި ކުއާޓަރގައި ރިޔޫނިއަންއިން 23 ޕޮއިންޓް ސްކޯކުރިއެވެ.

މެޗުގެ އެންމެ ތަފާތު ބޮޑު ސްކޯރއެއް ފެނުނީ ތިންވަނަ ކުއާޓަރގައެވެ. މިގޮތުން ރިޔޫނިއަން މި ކުއާޓަރގައި 33 ޕޮއިންޓް ސްކޯރ ކުރިއިރު ރާއްޖޭގެ ޓީމަށް ސްކޯރކުރެވުނީ އެންމެ 6 ޕޮއިންޓެވެ. ފަހު ކުއާޓަރގައި ރާއްޖެއިން 15 ޕޮއިންޓް ސްކޯރކުރިއެވެ. އަވަސް ކުޅުމެއް ފެނުނު މި ކުއާޓަރ ރިޔޫނިއަންއިން 27 ޕޮއިންޓް ސްކޯރކުރިއެވެ.

ފިރިހެން ބާސްކެޓްބޯޅައިގައި ދިވެހި ޓީމް ކުޅޭ ދެވަނަ މެޗުގައި މާދަމާ ނިކުންނާނީ މަޑަގަސްކަރއާއި ދެކޮޅަށެވެ. ގްރޫޕްގެ ފަހު މެޗުގައި ސީޝެލްސްއާއި ދެކޮޅަށް ނިކުންނާނީ އަންނަ ބުދަދުވަހުގެ މެންދުރު 1:30ގައެވެ.

އަންހެން ބާސްކެޓްބޯޅަ ޑްރޯގައި ދިވެހި ޓީމްގެ ނަން ހިމެނިފައިއޮތްކަމުގައިވިޔަސް މި މުބާރާތުގައި ދިވެހިރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމް ވާދަނުކުރެއެވެ.