ޚަބަރު

ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މައްސަލަ އަލުން ބަލަނީ


ހއ.ދިއްދޫގައި ސަރުކާރުން އިމާރާތް ކުރި ހައުސިންގ ޔުނިޓްތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަލުން ބަލަން ފަށައިފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް ވިދާޅުވީ ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށްބުނެ ބަޔަކު އޭސީސީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރުމަށް އެކޮމިޝަނުން ޖޫން މަސްތެރޭގައި ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

ހާޝިމް ވިދާޅުވީ އޭސީސީގެ އެންގުމަށް ކައުންސިލުން އަމަލު ކޮށްފައިވާ ކަމަށެވެ. އަދި އަލުން އިއުލާން ކުރުމުގެ މަސައްކަތްތައް ވެސް ކައުންސިލުން ކުރިއަށް ގެންދިޔަ ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދަނިކޮށް އަލުން ފްލެޓުތަކުގެ މައްސަލަ އޭސީސީން ބަލަމުންދާތީ މިހާރު އަނެއްކާ ވެސް އެ މަސައްކަތް ހުއްޓާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހާޝިމް ވިދާޅުވީ އަލުން ހައުސިން ޔުނިޓްތައް ދޫކުރުމަށް އިއުލާން ކުރެވޭނީ އޭސީސީން އެކަމުގައި ވަކި ޖަވާބެއް ދިނުމުން ކަމަށެވެ.

ހާޝިމް ވިދާޅުވީ ހައުސިން ޔުނިޓްތައް ދޫނުކުރެވި ލަސްވަމުން ދާތީ ރައްޔިތުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ މެއިންޓެނަންސް މަސައްކަތް ކުރި ނަމަވެސް ސީލިންގުން ފެން ފޭބުމާއި، މުށިގަނޑުތައް ނެއްޓުމާއި، ތަން ބާވުން ފަދަ ތަފާތު އެތައް މައްސަލައެއް ފެންމަތިވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ހައުސިން ޔުނިޓްތައް މަރާމާތުކޮށްފައި ހުރީ ވެސް ކޮލެޓީ ދަށްކޮށް ކަމަށްވާތީ އިތުރު ބައެއް މައްސަލަތައް ވެސް ފެންމަތިވާ ކަމަށެވެ.

ހާޝިމް ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ މައްސަލާގައި ކައުންސިލުން އަމަލުކުރަމުން ދަނީ އޭސީސީންނާއި، ހައުސިން މިނިސްޓްރީގެ އަންގާ ގޮތުގެ މަތިން ކަމަށެވެ. ހާޝިމް ވިދާޅުވީ މިހާރު ވެސް ހައުސިން ޔުނިޓްތަކުގެ މެއިންޓެންސްގެ މަސައްކަތްތައް ކުރިއަށްދާއިރު، ފެނަކަ ކޯޕްރޭޝަނުން އެސަރަހައްދުގެ މަގުތައް ސާފުކުރުމާއި، ލައިޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ސަރުކާރުން ދިއްދޫގައި އިމާރާތް ކުރި 250 ހައުސިން ޔުނިޓްގެ ތެރެއިން 140 ހައުސިން ޔުނިޓު ވަނީ ދޫކޮށްފައެވެ. ތަފާތު އެކި މައްސަލަތަކާއި ގުޅިގެން 110 ހައުސިން ޔުނިޓްތައް ދޫނުކުރެވި ހުރީ ހުއްޓިފައެވެ.