ޚަބަރު

"ހަބޭސް"އާއެކު ދިއްދޫގެ ޢީދު ފޯރި ހަބޭހަށް!



ކުރިއަށްއޮތް އަޟްޙާ އީދުގައި ހއ.ދިއްދޫގައި ވެސް ފޯރިގަދަ ޢީދެއް ފާހަގަ ކުރުމަށް ތައްޔާރު ވެއްޖެ އެވެ. ދިއްދޫގެ ޒުވާނުން އިސްނަގައިގެން އެރަށުގައި ބޮޑު ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ތައްޔާރީތައް ވަމުން އަންނައިރު، ދިއްދޫގެ ރައްޔިތުންނަށް މިފަހަރުގެ ބޮޑުޢީދު ތަފާތު ވެގެން ދާނެއެވެ.

ދިއްދޫގެ ޒުވާން ކުދިންތަކެއް އިސްނަގައިގެން ބޮޑުޢީދަށް މުޅި ރަށް ފޯރިގަދަ ކޮށްލުމަށްޓަކައި ގިނަ ޙަރަކާތް ތަކެއް ރޭވިފައިވާއިރު، ރާއްޖޭގައި ބޮޑު މަޤްބޫލު ކަމެއް ހޯދަމުން އަންނަ ބޮޑުބެރު ގްރޫޕް “ހަބޭސް”ގެ ހުށަހެޅުން ދިއްދޫގައި ދައްކާލަން ވަނީ ހަމަ ޖެހިފައެވެ.

ދިއްދޫގައި އީދު ޝޯ ދިނުމަށް “ހަބޭސް ބޮޑުބެރު ގްރޫޕާ”އެކު މިހާރުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިފަހަރުގެ އީދު ޝޯ ވެގެންދާނީ ދިއްދޫގައި ފާހަގަކުރެވޭ އެންމެ ފޯރިގަދަ ޝޯ ކަމަށް މިޙަރަކާތްތަށް އިންތިޒާމުކުރާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

ދިއްދޫގެ ހުނަރުވެރި ޒުވާން ފަންނާނުންގެ ވެސް ބައިވެރިވާ ގޮތަށް ޢީދުގެ ޙަރަކާތްތަށް ދިއްދޫގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު، ހަބޭސްގެ އިތުރަށް “ލެވިޓޭޝަން ބޭންޑް” އަދި “ހަބޭސް ފިއުޝަން” ގެ ފޯރިގަދަ ހުށައެޅުންތައް ވެސް ޢީދު ޝޯގައި ފެނިގެންދާނެއެވެ.

ބޮޑު ޢީދުތެރޭ ކޮންމެ ދުވަހަކުވެސް އެކިއެކި ޙަރަކާތްތައް ދިއްދޫގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު، ބޮޑު ޢީދުގެ ދެވަނަ ދުވަހު އޮންނާނީ “ހެބޭސް” އިން ބާއްވާ ސަޤާފީ ކުޅިވަރު ތަކެކެވެ. ދިއްދޫގައި ބާއްވާ މިފަހަރުގެ ޝޯއިން ފެނިގެންދާ ރާއްޖޭގެ މަޝްހޫރު ހުނަރުވެރި ޒުވާން ފަންނާނުން ނަށް ބަލާއިރު، “ހަބޭސް” ބޮޑުބެރު ގްރޫޕްގެ ތޮލާޤު، ބޮޑުބެ، އަދި ޖަވާ ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރަށް ދިއްދޫ ޒުވާނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ފުޓުބޯޅަ މުބާރާތް “އަޟްޙާޢީދުކަޕް” ވެސް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް މިޙަރަކާތް ، އިންތިޒާމު ކުރާ ފަރާތުން ބުނެފައިވެއެވެ. ދިއްދޫގައި ބާއްވަމުން އަންނަ މި ތާރީޚީ ފުޓުބޯޅަ މުބާރާތް މިއަދު ފަށަން ވަނީ ހަމަޖެހިފައެވެ.

ޢީދު ފާހަގަކުރުމުގައި ކުރިއްސުރެ ދިވެހިންގެ ސަޤަފީ ކުޅިވަތައް ކަމުގައިވާ “ފެންކުޅި” ކުޅުމާއި ކުލަ ޖެހުންވެސް ދިއްދޫގައި ކުރިއަށްދާނެކަމަށާ، މިފަދަ އިތުރު ޙަރަކާތްތައް ކޮންމެ ދުވަހަކު ކުރިއަށް ދާނެ ކަމަށް ދިއްދޫ ޒުވާނުން ބުނެއެވެ.
ދިއްދޫގެ ޒުވާނުން އިސްނަގައިގެން ހިންގާ މިޙަރަކާތް ތަކުގައި އެ ދާއިރާގެ މެމްބަރު ޢަބްދުﷲ ވަޙީދުގެ ފަރާތްޕުޅުން ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް އެރަށު ޒުވާނުން ފާހަގަ ކުރެއެވެ.

ދިއްދޫގެ ހުނަރުވެރި ޒުވާނުންނާއެކު، ހަބޭސް ބޮޑު ބެރު ގްރޫޕުން ދިއްދޫގައި ފޯރިގަދަ ޢީދެއް ފާހަގަކުރުމަށް ތައްޔާރު ވެފަައިވާއިރު މިފަހަރުގެ ދިއްދޫގެ ބޮޑުޢީދު “ހަބޭސް”ވެގެންދާނެއެވެ.