ޚަބަރު

ބަނދަރު މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުން، ރައީސްއާ ޙިއްސާކޮށްފިން - ކުޅުދުއްފުށީ ކައުންސިލް


ކުޅުދުއްފުށީގައި މިހާރު ސަރުކާރުން ހަދަމުންދާ ޢާއްމު ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ، އެރަށުގެ އޮޑިވެރީންނާއި ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ނޫންކަމަށާ، އެކަމުގެ ކަންބޮޑުވުންތައް ރައިސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާ ޙިއްސާ ކޮށްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަތީފް ހަސަން ވިދާޅުވީ އެރަށުގައި މިހާރު ހަދަމުންދާ ލޯކަލް ބަނދަރާމެދު ރައްޔިތުންނާއި އޮޑިވެރިންގެ ކަންބޮޑުވުންތައް، ސަރުކާރާ ޙިއްސާކުރަމުންދާކަމަށާ، އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެކަންބޮޑުވުންތަކަށް އެއްވެސް ވަރެއްގެ ޙައްލެއް އައިސްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ބަނދަރުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާއިރު ރައްޔިތުންނާއި އޮޑިވެރިންގެ ހުށައެޅުންތަކާއި މީގެކުރިން ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަންބޮޑުވުންތަކާއި، އެއާގުޅޭ ލިޔެކިއުންތަކާއެކު ސީދާ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށްވެސް މިހާރު ހުށަހަޅުއްވާފައިވާކަމަށް ޢަބްދުއްލަތީފް ވިދާޅުވިއެވެ.

ކުޅުއްދުއްފުށީ ބަނދަރަކީ އެގާރަ ސަތޭކަ ފޫޓް ދިގު ފަސް ސަތޭކަ ފޫޓު ފުޅާ ބަނދަރެކެވެ.
މިމަޝްރޫއުގެ ދަށުން މުދާ އުފުލުމަށާއި، ދަތުރުވެރިންނަށް ޚާއްސަ ބަނދަރެއް ހަދައި އައު ނެރެއް ކެނޑުންވެސް ހިމެނެއެވެ. އަދި ކުދި އުޅަނދުފަހަރަށް ޚާއްސަ ފާލަންތަކެއް ހެދުމާއި މުދާއުފުލައި ބޭލުމަށް ރޭމްޕެއް ހެދުންވެސް ހިމެނެއެވެ. އަދި ބަނދަރުގެ ބޭރުތޮށީގައި އޮޑިދޯނިފަހަރު އެޅޭއިރު ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއް ލެވިފައި ހުންނާނެއެވެ.

ފެރީ ޓާމިނަލް ޢިމާރާތަކާއި ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި އޮފީސްތަކާއި ރީޓެއިލް ފިހާރައެއްގެ އިތުރުން ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ޚައްސަ ސަރަހައްދެއް ތަރައްޤީ މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެއެވެ.