ސިޔާސީ

ޖޭއެސްސީއަށް ވަކީލަކު އިންތިޚާބުކުރުން މިމަހު 27 ގައި


ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީއަށް ވަކީލަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު މިމަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ބާ ކައުންސިލުން ނިންމައިފިއެވެ.

ދާދިފަހުން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ޤާނޫނީ ފަންނުގެ ޤާނޫނު ބުނާގޮތުން ބާކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީއަށް އިންތިޚާބުކުރަންޖެހެއެވެ.

މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ މިއަދުން ފެށިގެން މިމަހުގެ 23 ވާ އަންގާރަ ދުވަހުގެ ހަވީރު ފަހެއްޖެހުމާއި ހަމައަށް ހުޅުވާލާފައެވެ. މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ހެނދުނު ނުވައަކުން ހަވީރު ފަހެއް ޖެހުމާއި ހަމައަށެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ކުރިން ވަކީލުންގެ ފަރާތުން ތަމްސީލްކުރައްވަމުން ގެންދެވީ ޤާނޫނީ ވަކީލް ލަޠީފާ ޤާސިމެވެ. ނަމަވެސް ޤާނޫނީ ފަންނުގެ ޤާނޫނާއެކު ލަޔީފާގެ މަޤާމު ވަނީ ގެއްލިފައެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، އެ ޤާނޫނުގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކަށް ވާންޖެހެއެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރުގެ މެންބަރުކަން، ނިމުމަކަށް އަންނާނެކަމަށްވެސް އެ ޤާނޫނުގައި ބުނެފައިވެއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބަލަހައްޓާނީ ބާ ކައުންސިލުންނެވެ.