ވިޔަފާރި

މަޝްހޫރު ގޮލްފް މުބާރާތެއްގައި ރާއްޖެ އިޝްތިހާރުކޮށްފި


އިނގިރޭސިވިލާތުގައި ބާއްވާ މަޝްހޫރު ގޮލްފް މުބާރާތެއް 'މޯލްޑިވްސް' ބުރޭންޑްގެ ނަމުގައި އެމްއެމްޕީއާރުސީން ސްޕޮންސަރކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ސައުތު ވޭލްސްގައި މިމަހުގެ ތޭރައިން ސާދައަށް ބޭއްވި ސެލްޓިން މެނަރ ރިސޯޓްސް ސެލިބްރިޓީ ކަޕްގެ ގާލާ ޑިނާރ މޯލްޑިވްސް ބުރޭންޑުގެ ނަމުގައި ސްޕޮންސަރކޮށްފައިވާއިރު، މިއީ މި މުބާރާތުގެ ތާރީޙުގައިވެސް ފަތުރުވެރިކަމުގެ ބުރޭންޑަކުން އެ އިވެންޓު ސްޕޮންސަރ ކުރި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ ބުނީ މި މުބާރާތުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވުނު ކަމަށެވެ. އެގޮތުން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮކޯ ޕާމް ދުނިކޮޅު ރިސޯޓް އަދި ކޮކޯ ބޮޑު ހިތި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ސެލްޓިން މެނަރ ރިސޯޓްސް ސެލިބްރިޓީ ކަޕްއަކީ މަޝްހޫރު އެތައް ބައެއް ބައިވެރިވާ މުބާރާތެކެވެ. އެގޮތުން ލަވަ ކިޔުންތެރިޔާ ބްރައިން މެކްފިޑެން އަދި ފިލްމީ ތަރި ޖޭމްސް ނެސްބިޓް ފަދަ ފަންނާނުން ހިމެނެއެވެ.

އިނގިރޭސިވިލާތް ހިމެނެނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައެވެ. އެގޮތުން ރާއްޖެއަށް ފަސްވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިނގިރޭސިވިލާތުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެތެރޭ އެޤައުމުން ރާއްޖެއަށް ފާންސާސް ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 12.9 އިންސައްތަ އިތުރު އަދަދެކެވެ.