ކުޅިވަރު

ހީކުރިވަރަށްވުރެ ރިޔޫނިއަން ވަރުގަދަ، އެޓީމުން އިސްކޮޅުގެ ފައިދާ ނެގި: ފާސިރު


2015ގައި ވާދަކުރި ރިޔޫނިއަން ޓީމަށްވުރެ މިފަހަރުގެ ގޭމްސްގައި ވާދަކުރާ ރިޔޫނިއަންގެ ޓީމް ވަރުގަދަކަމަށް އައިއޯއައިޖީގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ ފާސިރު ބުނެފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ރީޔޫނިއަންއާއި ވާދަކޮށް 4-0ގެ ބޮޑު ތަފާތަކުންނެވެ.

މެޗަށްފަހު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ ފާސިރު ބުނީ ހުރިހާ ގޮތަކުންވެސް ރިޔޫނިއަން ވަރުގަދަކަމަށެވެ. 2015ގައި ވާދަކުރި ޓީމަށްވުރެ މިފަހަރުގެ ޓީމް ވަރުގަދަކަމަށާއި، މިފަހަރުގެ ޓިމްގައި އިސްކޮޅުން ދިގު އަދި ހަށިގަނޑުން ބިޔަ ކުޅުންތެރިންވެސް ގިނަ ކަމަށެވެ. އޭނާ ބުނީ އުއްމީދު ކުރިވަރަށްވުރެ އެ ޓީމް ވަރުގަދަވުމުން އުނދަގޫތަކެއް ދިމާވިކަމަށެވެ.

ފާސިރު ބުނީ ރިޔޫނިއަންއިން ގިނަ ހުރަސްތަކެއް ނަގައިގެން ކުޅުމުން ޓީމަށް ޑިފެންސްކުރަން އުނދަގޫތަކެއް ދިމާވިކަމަށައި، މަތިން އަންނަ ކޮންމެ ބޯޅައެއް ދިފާޢުކުރަންވެސް ދިވެހި ޓީމަށް އެ ކުޅުންތެރިންގެ ކައިރީގައި އުނދަގޫތަކެއް ދިމާވިކަމަށެވެ. އޭނާ ބުނީ ގޭމްސްއަށް ތައްޔާރުވާން ޓީމަށް ރަނގަޅަށް ވަގުތު ލިބުނުނަމަ މަތިން ނަގާ ހުރަސްތައް ދިފާއުކުރަން ރަނގަޅަށް ތައްޔާރުވެވުނީސްކަމަށެވެ.

"އެމީހުން ހަމަ މުޅިން މަތިން ހުރަސް ނަގައިން ގޯލް ޖެހޭތޯ ބެލީ، އަހަރުންނަށް ފުދޭވަރަކަށް އުނދަގޫކޮށް މިދިޔައީ، ހީކުރިވަރަށްވުރެ އެމީހުން ހުރިހާ ގޮތަކުންވެސް ވަރުގަދަ. މާ ބޮޑަށްވެސް ބިޔަ ކުޅުންތެރިން ތިބީ"

ފާސިރު ބުނީ އެންމެ ވަރުގަދަ ޓީމް ރިޔޫނިއަން އަތުން ބަލިވިޔަސް ކުރިއަށް އޮތް ދެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.