ކުޅިވަރު

ރިޔޫނިއަން ޓީމް ފިޒިކަލީ މާ ވަރުގަދަ، ކުޅުންތެރިން ބިރުގަތީ: ކޯޗު ސެގާޓް


ރިޔޫނިއަންގެ ކުޅުންތެރިން މާ ފިޒިކަލީ މާ ވަރުގަދަ ކަމަށާއި، މެޗުގައި ދިވެހި ކުޅުންތެރިން އެ ކުޅުންތެރިންދެކެ ޖެހިލުންވީކަމަށް ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހިރާއްޖޭގެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ރިޔޫނިއަން އަތުން ބަލިވީ ހަތަރެއް ސުމަކުންނެވެ. މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާވެސް އުފެއްދީ ރިޔޫނިއަން ޓީމުންނެވެ.

މެޗަށްފަހު ދިވެހި ޤައުމީ ޓީމްގެ ކޯޗު ޕީޓަރ ސެގާޓް ބުނީ މެޗުގެ ފުރަތަމަ 30 މިނެޓު ދިޔައީ ބޭނުންވި ގޮތަށްކަމަށާއި، ފެން ބޯން ދިން ބްރޭކަށްފަހު މާ ގިނައިރުތަކެއް ނުވެ ރިޔޫނިއަންއިން ލަނޑެއް ޖެހުމާއިއެކު ކުޅުންތެރިން ޓީމް އެއްކޮށް މާޔޫސްވީކަމަށެވެ. ފިޒިކަލީ ބިޔަ އަދި އިސްކޮޅުން ދިގު ކުޅުންތެރިން ބޯޅައަށް އަރާ ވަގުތު ދިވެހި ކުޅުންތެރިންވެސް ބޯޅަ ހޯދަން މަސައްކަތްކުރަން ޖެހޭކަމަށާއި، މެޗުގެ ބޮޑު ބައިފެނުނީ އެގޮތާއި ޚިލާފަށްކަމަށެވެ.

ކޯޗު ސެގާޓް ބުނީ ރިޔޫނިއަންގެ ކުޅުންތެރިން ހަށިގަނޑުން ވަރުގަދަވެ އިސްކޮޅުން ދިގުވުމުން ރާއްޖޭގެ ކުޅުންތެރިން ބޯޅަ ހޯދަން ޖެހިލުންވަނީކަމަށައި، އެ ކުޅުންތެރިން އަންނަން ފެށީމާ ރާއްޖޭގެ ކުޅުންތެރިން މާބޮޑަށް އިހުތިރާމްކުރީ ކަމަށެވެ. ކުރިއަށް ހުރި މެޗުތަކުގައިވެސް ހަމަ މިވަރުގެ ބިޔަ ކުޅުންތެރިންނާއި ކުޅެންޖެހޭނެކަމަށާއި، ބިރު ކަނޑާލާފައި ކުޅެފިނަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށެވެ.

"އެމީހުން ފިޒިކަލީ މާ ވަރުގަދަ، ދިވެހި ކުޅުންތެރިން އިޚުތިރާމްދީގެން ކުޅެނީ މާ ބޮޑަށް، ކުޑަކޮށް ޖެހިލުންވެ ތިބެ ކުޅެނީ" ކޯޗު ބުންޏެވެ،

ގްރޫޕް ސްޓޭޖުގައި ދިވެހިރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ނިކުންނާނީ ކޮމޮރޯސްއާއި ދެކޮޅަށެވެ. ފަހު މެޗުގައި މަޔޮޓްއާއި ދެކޮޅަށް ނިކުންނާނީ މިމަހުގެ 22ގައެވެ.