ތަޢުލީމު

ކޮލެޖްތަކުގެ އިސްވެރިންނާއި ނައިބްރައީސް ބައްދަލުކުރައްވައިފި


ދުނިޔޭގެ އެކިކަންކޮޅުތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު، ވަޒީފާތަކަށް ނުކުންނަށް ދަރިވަރުންނަކީ ހަމައެކަނި ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ބަދަލުގައި، ރާއްޖެއިން ބޭރުގައިވެސް އެފަދަ ފުރުސަތުތައް ހޯދާ ފަރާތްތަކަކަށްވުން މުހިއްމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، މަތީ ތަޢުލީމުދޭ ޕްރައިވެޓް ކޮލެޖްތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.މަތީ ތަޢުލީމުދޭ ޕްރައިވެޓް ކޮލެޖްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، ރާއްޖޭގެ ކުރިއެރުން ބިނާވެފައި އޮތީ ރާއްޖެއަށް ބޭނުންވާ ފަންނީ މީހުން ރާއްޖެއިން އުފެއްދިގެންކަމަށެވެ. އަދި މީގެތެރެއިން އުފެދޭ މީހުންވާންވާނީ ހަމައެކަނި ރާއްޖޭގައި މަސައްކަތްކުރާ ބަޔަކަށް ނޫންކަމަށާއި، ރާއްޖެއާއި ރާއްޖޭން ބޭރުން މަތީތަޢުލީމުގެ ފުރުސަތު ހޯދުމަށްފަހުގައި، އެހެނިހެން ޤައުމުތަކުގައި ބޮޑެތި ކުންފުނިތަކުގެ އިސްމަޤާމުތަކުގައި ހަރަކާތްތެރިވާ ބަޔަކަށްވުމާއިމެދުވެސް ރާއްޖޭގެ ދަރިވަރުންގެ ވިސްނުން ބަހައްޓަންޖެހޭކަމަށް ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވިއެވެ.ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ، ރާއްޖޭގެ މަތީތަޢުލީމުގެ ނިޒާމް ހަރުދަނާކުރުމައްޓަކައި  ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ހިފަހައްޓަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން އެމިންގަނޑުތަކަށް ވާސިލުވުމަށްޓަކައި މަތީ ތަޢުލީމު ފޯރުކޮށްދޭ ތަންތަނުން ޢަމަލުކުރަންޖެހޭ ޤަވާއިދު ރައީސް އެކުލަވާލައްވާފައިވާ ތައުލީމާއި ބެހޭ ކައުންސިލުގެ ފަރާތުން މިހާރު އެކުލަވާލެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ތައުލީމީ ނިޒާމް އާ އުސްމިންތަކަކަށް ގެންދެވުންކަމަށާއި، މިކަމުގައި ސަރުކާރާއި އެއްވަރަށް އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހޯއްދެވުމަކީވެސް ސަރުކާރުގެ ލަނޑުދަނޑިއެއްކަމަށެވެ.މި ބައްލުވުމުގައި ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ޕްރައިވެޓް ކޮލެޖްތަކުން ބޭފުޅުންނާއި، ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ތައުލީމީ ދާއިރާގައި އެފަރާތްތަކަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކައި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއިމެދު މަޝްވަރާކުރެވިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.