ޚަބަރު

ކަސްޓަމްސްއިން ޕްރޮމޯޝަން ދޭނީ ސިޔާސީ ކުލައަށް ބެލުމެއް ނެތި - މިނިސްޓަރ މާރިޔާ


މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި މަޤާމްގެ ކުރިއެރުން ދޭނީ ސިޔާސީ ކުލައަށް ބެލުމެއް ނެތި ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 129 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާންއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ކަސްޓަމްސް ފެށިގެން އައިއިރު ކަސްޓަމްސްއަކީ ހަމައެކަނި މުދާ ދޫކުރާތަނެއްގެ ގޮތުގައި ރައްޔިތުން ދެކެމުން އައިތަނެއް ކަމަށާއި އެހެންނަމަވެސް މިހާރު ކަސްޓަމްސްއަކީ އެއަށް ވުރެބޮޑު ޒިންމާތަކެއް މަތިކޮށްފައިވާ ތަނެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ކަސްޓަމްސް މުވައްޒަފުންނަކީ ދުނިޔެއަށް މިއަދު އަންނަ އެކިއެކި ގޮންޖެހުންތަކާއި ނުރައްކަލާ ކުރިމަތިލާ ފާރަވެރިވެ އެކަންކަން ހުއްޓުވަން ނަޒާޙަތްތެރިކަމާއިއެކު ތިބެންޖެހޭ ބައެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ މާރިޔާ ވިދާޅުވީ ކަސްޓަމްސްގެ މަޤާމްގެ ކުރިއެރުން މިދިޔަ ސަރުކާރުން ދެއްވީ ސިޔާސީ ކުލައަށް ބަލައިގެންކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އަދި މި ސަރުކާރުން ކަސްޓަމްސްގެ މަޤާމްގެ ކުރިއެރުން ދޭނީ ސިޔާސީ ކުލައަށް ބެލުމެއް ނެތި ކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. ކަސްޓަމްސް މައި އޮފީހުގެ އިތުރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ އެއްވަގުތެއްގައި ބާއްވާފައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ކަސްޓަމްސްގެ އަހަރީ ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. މިގޮތުން 129 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި ކުރިއަށް އޮތް 5 އަހަރު ކަސްޓަމްސްއިން ޙާޞިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެކުލެވޭ ގޮތުގެ "ސްޓްރެޓެޖިކް ޕްލޭން" ލޯންޗްކުރުން އޮންނާނެއެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނާއި އާއިލާތަކަށް ޙާއްސަކޮށްގެން "ކަސްޓަމްސް ރަން 2019" ގެ ނަމުގައި ދުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކަސްޓަމްސްގެ ތާރީޚް ދައްކުވައިދޭ މައުރަޒަކާއި "ކަސްޓަމްސް ނައިޓް"ގެ ނަމުގައި މުނިފޫހިފިލުވުމުގެ ހަފްލާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފެށިފައިވަނީ 18 ޖުލައި 1890 ގައެވެ.