ކުޅިވަރު

2015ވަނަ އަހަރުގެ އައިއޯއައިޖީއަށްވުރެ މިފަހަރު އިންތިޒާމްތައް ރަނގަޅު - މަރުޒޫގު


2015ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާ އަޅައި ބަލާއިރު ހުރިހާ ގޮތަކުންވެސް މިފަހަރުގެ ގޭމްސްގެ އިންތިޒާމްތައް ރަނގަޅުކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެރަޓަރީ އަޙުމަދު މަރުޒޫގު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓް އިއްޔެ މޮރީޝަސްއަށް ގޮސްފައިވާއިރު، ޓީމުތައް ތިބި ހޮޓާތަކުގެ ފެންވަރު ރަނގަޅުވާނެކަމަށް އެމްއޯސީގެ ޖެނެރަލް ސެކެރަޓަރީ މަރުޒޫގު ވިދާޅުވިއެވެ. މަރުޒޫގު ވިދާޅުވީ އެކޮމޮޑޭޝަނާއި ކެއުމާއި އެހެނިހެން ކަންކަން ހިތްހަމަޖެހޭވަރަށް ތައްޔާރުވެފައިވާކަމަށެވެ. ހަމައެކަނި ކަންބޮޑުވުމެއް އުޅެނީ ދަތުރުފަތުރު ކުރުމުގައިކަމަށައި، އެކަމަށްވެސް އެކަށިގެންވާ ހައްލެއް ވަރަށް އަވަހަށް ލިބޭނެކަމަށެވެ.

"އަޅުގަނޑުމެންގެ އެޑްވާންސް ޓީމް އައިސް ވަރަށް ރަނގަޅަށް ކަންކަން ބަލާފަ މިހިރީ، ހުރިހާ ކަމެއްވެސް ހިތްހަމަޖެހޭ ވަރަށް ހަމަޖެހިފައިހުރީ ޓްރާންސްޕޯޓް ވިޔަވައި، ޓްރާންސްޕޯޓްވެސްް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހަމަޖެހޭނެ" މަރުޒޫގު ވިދާޅުވިއެވެ.

މަރުޒޫގު ވިދާޅުވީ ރަނގަޅު އިންތިޒާމްތަކާއިއެކު ގޭމްސް ފެށޭއިރު، އަމާޒުކުރި ޓާގެޓަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. މިގޮތުން 15 މެޑަލްގެ ޓާގެޓް ހާސިލްކުރެވޭނެކަމާމެދު ޝައްކު ނުކުރާކަމަށް ވިދާޅުވިއެވެ.