ޚަބަރު

ތިން ރަށެއްގެ ބަނދަރު ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި


މ. ދިއްގަރާއި، މ.މަޑުއްވަރީ އަދި ވިލިމާލޭ ހުޅަނގު ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށް، ހައުސިންގ މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތިން ރަށުގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު ޙިލްމީއެވެ.އެއްބަސްވުމުގެ ދަށުން ދިއްގަރުގައި ހަތްސަތޭކަ ފަންސާސް ފޫޓް ދިގު އަދި ދުއިސައްތަ ފަސްދޮޅޮސް ފޫޓް ފުޅާ ބަނދަރެއް ހެދިގެންދާއިރު އެކަމަށް ސާޅީސް ފަސް މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.އަދި މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަޑުއްވަރީގެ އެއްގަމު ތޮށި އާކޮށް، ބަނދަރު ތެރެ ތިލަވެފައިވާ ސަރަޙައްދު ކޮނެ، ބަނދަރު އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ސަރަޙައްދުގައި ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އެމަސައްކަތަށް ސާދަ މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.މީގެ އިތުރުން ވިލިމާލޭ ހުޅަނގު ބަނދަރު ހެދުމުގެ މަޝްރޫޢުގައި ބަނދަރުގެ ހުޅަނގު ފަރާތުން ހަތްދިހަ ތިން މީޓަރު ބޮޑު ހިލައިގެ ކަނޑު ތޮއްޓެއް ލުމާއި، ސާޅީސް ދެ މީޓަރު ދިގު ކޮންކްރީޓް ސްލިޕްވޭ އެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތަށް ނުވަ މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލިމާފަންނު ދާއިރާގެ މެންބަރު އަޙުމަދު ނިޙާން ޙުސައިން މަނިކް ވިދާޅުވީ، މިއަދު ސޮއިކުރެވުނު ތިން މަޝްރޫޢަކީ މިއަހަރަށް ބަޖެޓުކުރެވި، ވަކި ތަރުތީބެއްގެ ދަށުން ކުރިއަށް ގެންދަން ކުރިންވެސް ރާވާފައިވާ މަޝްރޫޢުތަކެއް ކަމަށެވެ.މި ތިން މަޝްރޫޢުގެ އަމަލީ މަސައްކަތްވެސް އީ.އައި.އޭ ހަދާ ނިމުމުން ފެށޭނެ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.