ކުޅިވަރު

އަމާޒަކީ ރަނގަޅަށް ވާދަކޮށް ފެތުމުގެ އިވެންޓުގައި ރާއްޖެ ފަޚުރުވެރިކޮށްދިނުން: ކޯޗު ފިރާސް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ)ގައި އެންމެ ފުރަތަމަ އަމާޒަކީ ރަނގަޅު ވާދައެއްކޮށް ރާއްޖެ ފަޚުރުވެރިކޮށްދިނުން ކަމަށް ޤައުމީ ސްވިމިންގ ޓީމުގެ ކޯޗު އަޙުމަދު ފިރާސް ޢަފީފް ބުނެފިއެވެ.

އައި.އޯ.އައި.ޖީއަށް ރާއްޖޭގެ ކޮންޓިންޖެންޓް ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ކޯޗު ފިރާސް ބުނީ، މުބާރާތައް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ މައިސޫރުގައި ވަރުގަދަ ފަރިތަކުރުންތަކެއް ފުރިހަމަކުރި ކަމަށާއި، އޭގެ ސަބަބުން ކޮންމެ ފެތުންތެރިއަކަށްވެސް ވަރަށް ބޮޑު އިތުބާރެއް ލިބިގެންދިޔަ ކަމަށެވެ. އެ ގޮތުން މާލޭގައި މުބާރާތައް ފަރިތަކުރާގޮތާ ޚިލާފަށް މައިސޫރުގައި ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ ހުރިހާ ވަގުތެއްވެސް ފެތުމަށް ހުސްކޮށްގެންކަމަށް ކޯޗި ފިރާސް ބުންޏެވެ.

އަދި، ހިތްހަމަޖެހޭ މިންވަރަށް ފެތުންތެރިން މުބާރާތަށް ތައްޔާރުކުރެވުނު ކަމަށާއި، އެއް މަސްދުވަހު ޕޫލްގައި ދެއިރު ފަރިތަކުރުންތައް ކުރިއަށްގެންދިއުމުން ފެތުންތެރިން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލްކުރެވޭނެކަމުގެ އިތުބާރު ބޮޑުވިކަމަށް ފިރާސް ބުންޏެވެ.

"އެންމެ ބޮޑު އަމާޒަކީ ރަނގަޅު ވާދައެއް ކޮށްގެން ޤައުމު ފަޚުރުވެރި ކޮށްދިނުން. ދެން ފަރިތަކުރުންތައް ވަރަށް ރަނގަޅަށް ގެންދެވުނު. އެއް މަސްދުވަސް އެއްކޮށް ހަމައެކަނި މިކަމަށް ހުސްކޮށްގެން، ދުވާލަކު ދެއިރު ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ، ވަރަށް ހިތްހަމަޖެހޭ" ކޯޗު ފިރާސް ބުންޏެވެ.
އައި.އޯ.އައި.ޖީގައި ފެތުމުގެ ހަރަކާތުގައި ހަ އެތުލީޓުން ރާއްޖެ ތަމްސީލުކުރާނެއެވެ. އެއީ އަންހެން ދެ އެތުލީޓުންނާއި ފިރިހެން ހަތަރު އެތުލީޓުންނެވެ.