ކުޅިވަރު

ނޭމާ ސަސްޕެންޑްކުރަން ޕީ.އެސް.ޖީން ވިސްނަނީ


ބާސެލޯނާ އަށް ބަދަލުވާން ބޭނުންވެފައިވާ ފޯވަަރޑް ނޭމާ ސަންތޯސް ސަސްޕެންޑްކުރަން ޕީ.އެސް.ޖީން ވިސްނަމުންދާކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެފިއެވެ.

މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީއަށް ބަދަލުވި ފޯވަރޑާ މެދު ހަރުކަށިކޮށް ޢަމަލުކުރަން ޕީ.އެސް.ޖީން ވިސްނަން ފެށީ، އޭނާގެ ޢަމަލުތައް ހުރިގޮތުންނެވެ. ނޭމާ ވަނީ، ކުލަބު ދޫކޮށްލުމަށް ބާރުއެޅުމުގެ ގޮތުން ކުލަބުގެ އިސްވެރިންނާ މަޝްވަރާކޮށްފައެވެ. އަދި އޭނާ ވަނީ ކުލަބުގެ ރަސްމީ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ކޮންމެވެސް ވަރަކަށް އިންކާރުވެސްކޮށްފައެވެ.

ނަމަވެސް ޕީ.އެސް.ޖީން ވަނީ ނޭމާ ވިއްކާނީ 250 މިލިއަން ޕައުންޑަށް ކަމަށް ނިންމާފައެވެ. މި ޢަދަދު ނުލިބޭނަމަ އޭނާ ވިއްކާލަން ބޭނުންނުވާކަމަށް އެ ޓީމުން ބުނެފައިވާއިރު، މިކަމާ ދެކޮޅު ހަދާނަމަ 2022 ވަނަ އަހަރާ ހަމައަށް އޭނާ ވިއްކާނުލައި އަދި ކުޅުމުގެ ފުރުޞަތު ނުދީ ބެހެއްޓުމަށް، ޕީ.އެސް.ޖީ ހިންގާ ޤަތަރު އިންވެސްޓްމަންޓް ގްރޫޕުން މިހާރު ވަނީ މަޝްވަރާކުރަން ފަށާފައެވެ.

ނޭމާ ވިއްކާލަން ޕީ.އެސް.ޖީން އޮތީ ތައްޔާރަށެވެ. އެކަމަކު އެއީ އޭނާ ގަތް އަގަށްވުރެ ބޮޑު އަގެއް ލިބޭ ގޮތަށެވެ. ނަމަވެސް ނޭމާ ދާން ބޭނުންވާ، ކުރީގެ ކުލަބު ބާސެލޯނާއަށް، އެހާ ފައިސާ ދެވޭކަށް ނެތެވެ. އެ ކުލަބުން ހުށަހަޅަނީ ތިން ކުޅުންތެރިއަކާއި 40 މިލިއަން ޕައުންޑެވެ. ޕީ.އެސް.ޖީން މި ކަމަށް އެއްބަހެއްނުވެއެވެ.