ޚަބަރު

އާ މާރުކޭޓް އަޅަން ގޮޅިތައް ހުސްކުރަނީ


ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީކުރުމަށް އެތަނުގައި މިހާރު ހިންގާ ގޮޅިތައް އަންނަ މަހުގެ ނިޔަލަށް ހުސްކުރަން ސިޓީ ކައުންސިލުން އަންގަން ފަށައިފިއެވެ. ސިޓީ ކައުންސިލުން ބުނީ ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް އެތަނުގައި މިހާރު ހިންގާ ގޮޅިތައް ހިންގޭނީ އަންނަ މަހުގެ 31ގެ ނިޔަލަށްކަމަށެވެ. އަދި މިކަން ދަތުރުވެރިން މާރުކޭޓްގައި ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އަންގާފައިވާނޭކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.


ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީކޮށް ނިމުމާއެކު އެތަނުގައި ހުންނަ ގޮޅިތައް މަދުވާނެކަމަށާއި ނަމަވެސް ގޮޅިތަކުގެ ސައިޒް ބޮޑުވާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިގޮތުން އަލަށް ތަރައްޤީކުރާ މާރުކޭޓްގައި ހުންނާނީ 63 ގޮޅި އެވެ. ގޮޅިތަކުގެ ބޮޑުމިނުގައި 8 ފޫޓާއި 9 ފޫޓް ހުންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިހާރު މާރުކޭޓްގެ ގޮޅިއެއްގައި ހުންނަނީ 4 ފޫޓާއި 7 ފޫޓެވެ. މީގެ އިތުރުން އަލަށް ތަރައްޤީ ކުރާ މާރުކޭޓްގައި ހިނގާ މަގުތައްވެސް ފުޅާވާނެކަމަށްވެސް ކައުންސިލުން ބުނެއެވެ.

ދަތުރުވެރިންގެ މާރުކެޓްގައި މިހާރު 160 ގޮޅި ހުންނަ އިރު އެތަނުގައި މަސައްކަތް ކުރަމުންދަނީ 50 ދިވެހިންނެވެ. މި ފަރާތްތަކަށް ދީފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާކަމަށާއި ބައެއް ފަރާތްތައް އެގްރީމަންޓް އާކޮށްފައިވީނަމަވެސް އެކަން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެހެންނަމަވެސް މިފަރާތްތަކުގެ ތެރެއިން ޤަވައިދާ އެއްގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް ދަތުރުވެރިންގެ މާރުކޭޓް ހުސްކުރި ނަމަވެސް އެހެން ސަރަހައްދެއްގައި ވިޔަފާރި ކުރެވޭނެ ގޮތް ހޯދައިދޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގައި 4 ފަންގިފިލާގެ އެންމެ ޒަމާނީ ފެންވަރުގެ މާރުކޭޓެއް އެޅުމަށް ނިންމާފައިވާކަމަށް މާލެ ސިޓީން މީގެ ކުރިން ވަނީ ބުނެފައެވެ.