ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިރޭ ކޭތަ ނަމާދު ކުރާނެ - އިސްލާމިކް މިނިސްޓްރީ


މިރޭ ރާއްޖެއަށް ހަނދު ކޭތަ ފެންނާނޭކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ރާއްޖޭގެ ހުރިހައި ރަށެއްގައި، ހަނދުކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

ކޭތަ ނަމާދު ކުރުމާބެހޭ ގޮތުން އެ މިނިސްޓްރީން ޢާއްމުކުރައްވާފައިވާ ބަޔާނެއްގައި ވަނީ، މިރޭ ރާއްޖެ ގަޑިން ތޭވީސް ގަޑި ސާޅީސް ތިނަކުން ފެށިގެން ފަތިހު ފަސްގަޑި ސަތާރައާ ދެމެދު ފުރިހަމަ ހަނދުކޭތަ އެއް ހިފާނެކަމަށެވެ.

އަދި މިހަނދުކޭތަ، ރާއްޖެއަށް ފެންނާނޭ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ މިސްކިތެއްގައި، މިރޭ މެންދަމުން އަލިވެ ތިންގަޑި ތިރީހުގައި ކޭތަ ނަމާދުކުރުން އޮންނާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތެއްގައި، ކޭތަ ނަމާދު ކުރެވޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ވެސް އަންގަވާފައެވެ. ކޭތަނަމާދުގެ ޚުޠުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައިވެސް މިހާރު ވަނީ ޝާއިޢުކޮށްފައެވެ.