ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް 21 ފެއަރއެއްގައި ބައިވެރިވަނީ


މިއަހަރުގެ ފަހު ފަސް މަސްދުވަހު ރާއްޖެ އިޝްތިހާރުކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފަތުރުވެރިކަމާއި ގުޅުންހުރި 21 ފެއަރއެއްގައި ބައިވެރިވުމަށް އެމްއެމްޕީއާރުސީން ނިންމައިފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވަނީ މިއަހަރުގެ ޖުލައިމަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ރާއްޖެ އިޝްތިހާރު ކުރުމަށް ބައިވެރިވުމަށް ނިންމާފައިވާ ބައިނަލްއަޤްވާމީ ފެއަރތަކުގެ ލިސްޓެއް އާއްމުކޮށްފައެވެ.

މި ލިސްޓުގައިވާ ގޮތުން ދެން އެންމެ އަވަހަށް އޮތް ފެއަރއަކީ އޮގަސްޓްމަހުގެ ސިންގަޕޫރުގައި ބާއްވާ ފެއަރއެކެވެ. އެންމެ ގިނަ ފެއަރ އޮކްޓޫބަރުމަހު އޮންނައިރު، އެމަހު ފަތުރުވެރިކަމާއި ގުޅުންހުރި ބައިނަލްއަޤްވާމީ 9 ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވާނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް މިއަހަރުތެރޭ ވަރުގަދަ ކެމްޕެއިންތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީގެ މަރކެޓިންގ ޕްލޭންގައިވާ ގޮތުން ރާއްޖެ އިޝްތިހާރުކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ 22 މާކެޓަކަށް ބަހާލައިގެންނެވެ. އެގޮތުން އެޤައުމުތަކާއި އެސަރަޙައްދުތަކުގައި ކުރިއަށްދާ އެކިއެކި ފަތުރުވެރިކަމުގެ ފެއަރތަކުގައި ބައިވެރިވުމަށް ނިންމާފައިވާއިރު، 18 ރޯޑް ޝޯވްއެއް ކުރިއަށްގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި 22 ޤައުމަކުން ނޫސްވެރިންގެ ޓީމްތައް ރާއްޖެއަށް ގެނެސް ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު ދިނުމަށްވެސް މިޕްލޭންގައި ހިމަނާފައިވެއެވެ.