ޚަބަރު

ރާއްޖޭގެ ވަޔަކީ ދުނިޔޭގެ އެންމެ ސާފު ވައިކަމުގައި ހަދަން މަސައްކަތް ކުރަނީ!


ރާއްޖޭގެ ވަޔަކީ ދުނިޔޭގެ އެންމެ ސާފު ވައިކަމުގައި ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އެންވާރަމެންޓް ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ވައިގެ ތަޣައްޔަރުވުން ކުޑަކުރުމަށް ރާއްޖޭގައި އިފްތިތާހުކުރި "ބްރީތް ލައިފް" ކެމްޕޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވާރަމެންޓް މިނިސްޓަރ ވަނީ ގްރޭޓަރ މާލެ ރީޖަން ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުގައި މައިގަނޑުގޮތެއްގައި ވައިތަޣައްޔަރުވާކަމަށް ބެލެވޭކަންކަން ނެތްކަން ފާހަގަކުރައްވާފައެވެ.

އެންވާރަމެންޓް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާއި ޑަބްލިއުއެޗްއޯއާއި ޔޫއެން އެންވާރަމެންޓް އަދި ކްލީން އެއަރ ކޯލިޝަން ގުޅިގެން ވައިގެ ތަޣައްޔަރުވުން ކުޑަކުރުމަށް ރާއްޖޭގައި އިފްތިތާހުކުރި "ބްރީތް ލައިފް" ކެމްޕޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް އެންވާރަމެންޓް ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ރާއްޖޭގެ ވައި ތަޣައްޔަރުވުމުގެ މައިގަނޑު މައްސަލަތަށް މަދުކަމަށެވެ. މިފަދަ މައިގަނޑު މައްސަލަތައް ހަމައެކަނި ފެންނަނީވެސް ގްރޭޓަރ މާލެ ސަރަހައްދުން އެކަނިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ތިލަފުށީގައި ރައްކާތެރިކަމެއްނެތި އަންދާކުންޏަކީ ރާއްޖޭގެ ވައި ތަޣައްޔަރުވާ މައި ސަބަބެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ތިލަފުށީގައި ރައްކާތެރިކަމާއިއެކު ކުނި އެންދޭނެ އިންތިޒާމެއް ކައިރި މުސްތަޤުބަލެއްގައި ހަމަޖެހިގެންދާނެކަން ހާމަކުރައްވާފައެވެ.

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މާއްދާތައް ރާއްޖޭގައި ހުރިމިންވަރާއި، މިކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ޤައުމީ އެކްޝަން ޕްލޭންގެ ދަށުން އިތުރު ގިނަ މަސައްތްތަކެއް ކުރަން ޕްލޭންކޮށްފައިވާކަން މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަންވަނީ ހާމަކުރައްވާފައެވެ.

"ރާއްޖޭގައި މައިގަނޑު ގޮތެއްގައި ވައި ތަޣައްޔަރުކުރާ ކަންކަން ނެތޭ ބުނެވިދާނެ. ހަމައެކަނި މިކަންކަން ފެންނަނީވެސް ގްރޭޓަރ މާލެ ސަރަހައްދުން. ވަކިން ހާއްސަކޮށް މިކަން މެދުވެރިވަނީ ތިލަފުށީގައި ރައްކާތެރިކަމެއްނެތި އަންދާކުނީގެ ސަބަބުން. ތިލަފުށޫގައި ރައްކާތެރިކަމާއިއެކު ކުނި އެންދޭނެ އިންތިޒާމެއް ކައިރި މުސްތަޤުބަލެއްގައި ހަމަޖެހިގެންދާނެ. އެކަމުގެ ޕްލޭންތަށް ހަދަމުންދަނީ." މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވީ، ވައި ތަޣައްޔަރުވުމުން ތިމާވެއްޓަށް ކުރާ އަސަރާއި އާންމުން ހޭލުންތެރިވެފައިވީނަމަވެސް، މިކަމުގެ ސަބަބުން ދިމާވާ ސިއްޙީ ގެއްލުންތަކާއިމެދު އާންމުން ހޭލުންތެރިވެފައި ނުވާކަމަށެވެ. މިނިސްޓަރ ވަނީ ތަޣައްޔަރުވެފައިވާ ވަޔަކީ، ސައިލެންޓް ކިލަރ އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ހަށިގަނޑަށް އެތެރެކުރާ ވަޔަކީ ދުޅަހެޔޮ ދިރިއުޅުމެއް ޔަޤީންކޮށްދޭ އަސާސްކަމުގައި ސިފަކުރައްވާ މިނިސްޓަރ އަމީންވަނީ ރާއްޖެފަދަ ކުޑަ ޤައުމަކުން ވައި ތަޣައްޔަރުކުރުމުގައި ހިއްސާނުވިކަމުގައިވިޔަސް ރާއްޖެއަކީ މުކަމުގެ އެންމެ ބޮޑެތި ގެއްލުންތަށް ތަޙައްމަލުކުރަންޖެހޭ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.

" ވައި ތަޣައްޔަރުވުމުން ތިމާވެއްޓަށް ކުރާ އަސަރާއި އާންމުން ހޭލުންތެރިވެފައިވީނަމަވެސް، މިކަމުގެ ސަބަބުން ދިމާވާ ސިއްޙީ ގެއްލުންތަކާއިމެދު އާންމުން ހޭލުންތެރިއެއް ނޫން. މިއީ އަސްލުގައި ވަރަށް ބޮޑު މައްސަލައެއް. މިކަމަށް އާންމުން ހޭލުންތެރިވާން ޖެހޭ. އެހެނީ ތަޣައްޔަރުވެފައިވާ ވަޔަކީ، ސައިލެންޓް ކިލަރއެއްކަމުގައި ވުން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުންދާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދެކުނު އިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ޑރ.ޕޫނަމް ކޭތްރަޕާލް ސިންގް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަމަމަނާ ވަނީ ރާއްޖެއަކީ ބްރީތް ލައިފް ކެމްޕޭންގައި މި ސަރަހައްދުން ބައިވެރިވި ފުރަތަމަ ޤައުމަށްވުމަކީ ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކަށް ދޭ އަހަންމިއްޔަތުކަން ފާހަގަވާކަމަށް ވިދާޅުވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއިން މި ކެމްޕޭނާއި ގުޅިފައިވާއިރު، ރާއްޖެއިން މިސާލު ލިބިގަނެ އިންޑިއާ، ނޭޕާލް އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކުން މި ކެމްޕޭންގައި ބައިވެރިވެފައިވާކަން ޑރ. ޕޫނަމް ކޭތްރަޕާލް ސިންގް ފާހަގަކުރެއްވިއެވެ.

"ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމުގެ ދާއިރާގައި ލީޑަރެއް. އެގޮތުން 2017 ވަަނަ އަހަރުގެ މާލެ ޑިކްލެރޭޝަންއާއި، މި ކެމްޕޭން އެންމެ ފުރަތަ ފެށީ ރާއްޖެއިން ކަމުގައިވުމަކީ މިކަމުގެ ހެއްކެއް. މިހާރު މި ކެމްޕޭންގައި އިންޑިއާ، އިންޑޮނޭޝިއާ އަދި ނޭޕާލުން ވަނީ ބައިވެރިވެފައި." ޑރ. ޕޫނަމް ކޭތްެރަޕާލް ސިންގް ވިދާޅުވިއެވެ.

އެންވާރަމެންޓް މިނިސްޓްރީއާއި، ހެލްތް މިނިސްޓްރީއާއި، ޑަބްލިއުއެޗްއޯ، ޔޫއެން އެންވާރަމެންޓް އަދި ކްލީން އެއަރ ކޯލިޝަން ގުޅިގެން ވައިގެ ތަޣައްޔަރުވުން ކުޑަކުރުމަށް ރާއްޖޭގައި އިފްތިތާހުކުރި ބްރީތް ލައިފަކީ ވައި ތަޣައްޔަރުވުން ކުޑަކުރުމަށް ފެށި ބައިނަލްއަޤްވާމީ ހަރަކާތެކެވެ. މި ކެމްޕޭންގެ ދަށުން ރާއްޖެއިން ސާފު ހަކަތަ އުފެއްދުމާއި، ދެމެހެއްޓެނިވި ދަތުރު ފަތުރުގެ ނިޒާމެއް ތަޢާރަފުކުރުމުގެ އިތުރުން ރަނގަޅު ރައްކާތެރި ގޮތްތަށް ބޭނުންކޮށްގެން ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓްތަށް ހިންގުމަށްވަނީ ނިންމާފައެވެ.