ތަރައްްޤީ

ވީ.އައި.އޭގައި ޕާކުކުރާނެ ޖާގަ އިތުރުކޮށްފި


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކިންގ ކެޕޭސިޓީ އިތުރުކޮށް، އެއަރޕޯޓުގެ އިރުމަތީ ފަރާތުގައި އަލަށް ތަރައްޤީކުރި ޕާކިންގ ޒޯން ހުޅުވާލައިފިއެވެ.

ވީ.އައި.އޭ ހިންގަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނީ އެއަރޕޯޓުގެ އިރުމަތީ ފަރާތުގައި އަލަށް ތަރައްޤީކުރި ޕާކިންގ ޒޯނަކީ ހަތަރުހާސް ދުއިސައްތަ ފަންސާސް އަކަ މީޓަރުގެ ޖާގައިގެ ތަނެއްކަމަށެވެ. އަދި އެތަނުގައި ހަތަރު ފުރޮޅުލީ އެގާރަ ވެހިކަލަށާއި، އަށް ސަތޭކަ ފަސްދޮޅަސް ދެ ސައިކަލަށް ޕާކު ކުރެވޭނެކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވިއެވެ.
އެއަރޕޯޓުގައި އަލަށް ތަރައްޤީކޮށްފައިވާ ޕާކިންގ ޒޯން ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ އެމް.އޭ.ސީ.އެލްގެ އެކްޓިންގ މެނޭޖިންގ މޫސާ ޞާލިޙެވެ.

ވީ.އައި.އޭގެ ޕާކިންގ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ވަނީ އެއަރޕޯޓުގެ ހުޅަނގު ފަރާތުގައި ވަނީ ތިރީސް ހަ ވެހިކަލާއި އަށްސަތޭކަ ތިރީސް ސައިކަލް ޕާކުކުރެވޭނެ ޖާގައިގެ ޕާކިންގ ޒޯނެއް ހުޅުވާފައެވެ.

އެއަރޕޯޓަށް ދަތުރުކުރާ ވެހިކަލްތަކަށް ޙާއްސަކޮށްގެން ޕާކިންގ ޒޯންތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއަރކްރާފްޓްތައް ޕާކުކުރުމަށް ޙާއްސަ އޭޕްރަންތައްވެސް ތަރައްޤީކުރުމުގެ މަސައްކަތް އެމް.އޭ.ސީ.އެލުން ދަނީ ކުރަމުންނެވެ. އެގޮތުން އެއަރޕޯޓުގެ ހުޅަނދު ދެކުނުގައި ތަރައްޤީކޮށްފައިވާ އައު އޭޕްރަން ޓެސްޓްކުރުމަށްފަހު މާދަމާ ރަސްމީކޮށް ހުޅުވުމަށް އެމް.އޭ.ސީ.އެލުން ވަނީ ނިންމާފައެވެ.