ޚަބަރު

ދިޔަވަރު ބޮޑުވާ ވަގުތު އުދައެރުން އެކަށީގެންވޭ! ސަމާލުވޭ!


ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތު އުދައެރުން އެކަށީގެންވާތީ މިކަމަށް ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އިލްތިމާސްކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްްއާއި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ދެކުނާއި މެދު ރާއްޖޭގެ 20 ރަށަކުން އުދައަރައިގެން ރިޕޯޓްކޮށްފައިވާކަމަށެެވެ. އެގޮތުން އުދައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ތ. ތިމަރަފުއްޓާއި، ތ.ކިނިބިދޫ، ގދ. ރަތަފަންދޫ، ލ. މާވަށް އަދި ފ. ނިލަންދޫއަށްކަމަށް ހިސާން ވިދާޅުވިއެވެ. މި ރަށްތަކުގައި ރަށުތެރެއަށް ފެންވަދެ ގެތަކަށް ލޮނުފެން ވަނުމުގެ ޝަކުވާ ލިބިފައިވާކަމަށް ހިސާން ވިދާޅުވިއެވެ. އެގޮތުން މި ރަށްތަކުގައި ކައުންސިލާއި، އެމްއެންޑީއެފް އަދި ފުލުހުންގެ އެހީއާއިއެކު ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތު އުދައެރުން އެކަށީގެންވާތީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން މާދަމާގެ 11:00 އިން 14:00އާއި ދެމެދަކީ ރާއްޖޭގެ އެކި ހިސާބުތަކަށް އެންމެ ދިޔަވަރު ބޮޑުވާ ވަގުތުކަމުން މި ވަގުތުތަކުގައި މޫސުމަށް ސަމާލުވެ ސަލާމަތީ ފިޔަވަޅުތަށް އެޅުމަށް ހިސާން އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކޮށް އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަން ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ. މެޓް އޮފީހުން ހާމަކުރައްވާގޮތުގައި އުތުރުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މާދަމާ މެންދުރު 12:33 ގައެވެ. މެދު ރާއްޖެތެރެއަށް 13:12 ގައި އެންމެ ދިޔަވަރު ބޮޑުވާއިރު ދެކުނުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވެނީ 13:50 ގައި ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއްވައެވެ.

ކުރިއަށްއިތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭތީ ދަތުރުކުރައްވާ ފަރާތްތަށް މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.