ރިޕޯޓް

ލިބިފައިވާ ހުނަރާއެކު ޤައުމު ބިނާކުރުމުގައި ޢަމަލީގޮތުން ބައިވެރިވާންޖެހޭ - މިނިސްޓަރ މަލީޙް


ކޮންމެ ޒުވާނަކީވެސް ލިބިފައިވާ ހުނަރެއްގެ ބޭނުންހިފައި ޤައުމު ބިނާކުރުމުގައި ޢަމަލީގޮތުން ބައިވެރިވާ ފަރާތަކަށްވުމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ގޮވާލައްވައިފިއެވެ. މިނިސްޓަރ މިކަމަށް ގޮވާލައްވާފައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ހުނަރުވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދުނިޔޭގެ ހުނަރުވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލްވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިވަގުތު ހުރި ބައެއްކަހަލަ ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވަޒީފާ ނުލިބުމާއި، އެކަށީގެންވާވަރުގެ އުޖޫރައެއް ނުލިބުމާއި، ވަޒީފާއިން ކަނޑާލާކަމުގެ ޝަކުވާއަކީ މިހާރު ރާއްޖޭގައިވެސް އިތުރުވެފައިވާ މައްސަލަތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގައިވެސް ވަޒީފާ އަދާނުކުރާ މީހުންގެ އާބާދީ އިތިރުވަމުންދާއިރު، އޭގެ ތެރޭގައި ގަސްތަކުގައި ވަޒީފާއަކަށް ދާން ބޭނުން ނުވާ ޒުވާނުންވެސް ތިބިކަން އެއީ މިހާރު ޤަބޫލުކުރަންޖެހޭ ހަޤީޤަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިހާރުގެ ޒުވާން ޖީލަކީ ތަފާތު އައު ހުނަރުތަކަށް ދަސްކުރުމަށް ޝަޢުގުވެރިވާ އުފެއްދުންތެރި މަސައްކަތެއްގައި ޝާމިލުވާ ބަޔަކަށްވުން މުހިއްމުކަމަށް މިނިސްޓަރ މަލީޙު ވިދާޅުވިއެވެ.

"ރާއްޖޭގެ އާބާދީގެ ޒުވާނުންގެ ތެރޭގައި ވޮލެންޓްރީ އަންއެމްޕްލޯއިމެންޓް، ކަނޑައެޅިގެން ވަޒީފާއެއް ނުލިބިގެނެއްނޫން، ހަމަ އަމިއްލަ އިޙްތިޔާރުގައި ވަޒީފާއަށް ދާން ބޭނުންނުވާ ޒުވާނުންތަކެއް ތިބިކަން، އެ ހަޤީޤަތް މިއަދު އެބަޖެހޭ ޤަބޫލުކުރަން. އެފަދަ ޒުވާނުންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ސަރުކާރުގެ ވަޒީފާއަކަށް ދާން ބޭނުންނުވަންޏާ ރިސޯޓެއްގެ ވަޒީފާއަކަށް ދާން ބޭނުންނުވަންޏާ ކޮންމެވެސް އުފެއްދުންތެރި މަސައްކަތެއްގައި ޝާމިލުވާށޭ. ކޮންމެ މީހަކުވެސް ޤައުމުގެ ޖީޑީޕީއަށް އެމީހެއްގެ ހިއްސާދޭ ބަޔަކަށް ވާންޖެހޭ." މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާނުކުރާ ޒުވާނުންގެ ނިސްބަތް އިތުރުވަމުންދާއިރު، އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށްވެސް މިހާރު ކުރަން ފަށާފައިވާކަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ މަސައްކަތް ކުރަން ލޯބިކުރާ، އެކަން ކުރަން ބޭނުންވާ ބަޔަކަށް ހަދަންޖެހޭކަމަށާއި، ސްކޫލް މާޙައުލުން ފެށިގެންވެސް ތަފާތު ހުނަރުތަކަށް ކުދިން އަޙުލުވެރިކުރުވަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދު ސްކޫލް މަރުހަލާގައި މި ކިޔަވައިދޭ މާއްދާތަކުން ދަރިވަރުންނަށް ޓްރާންސްފޯމަބަލް ސްކިލްސްތަކެއް އެބަ އެނގެންޖެހޭ. އެހެންނޫންނަމަ މިދެވޭ ތަޢުލީމުގެ ބޭނުން އެކަށީގެންވާގޮތެއްގައި ނުހިފޭނެ. މިއީ ޓިވެޓް އޮތޯރިޓީއާއި އަޅުގަނޑުމެންގެ މިނިސްޓްރީ އެންމެ އިސްނަގައިގެން މިވަގުތު ކުރާ މަސައްކަތް. ތަފާތު ހުނަރުތަކަށް އަހުލުވެރިކުރުވުން." ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

ދުނިޔޭގެ ހުނަރުވެރިންގެ ދުވަސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، އެމްޕްލޯއިމެންޓް ސެކްޓަރ ކައުންސިލްތައްވެސް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. މިއީ އެކި ކަހަލަ ހުނަރާއި ތަމްރީންތައް އެކަށީގެންވާ ނިޒާމެއްގެ ތެރެއިން ހިންގުމަށް ކުރާ މަސައްކަތުގެ ދަށުން ތަޢާރަފުކުރެވުނު ކަމެއްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ތެރޭ 1000 ދަރިވަރަކަށް ތަމްރީންގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.