ވިޔަފާރި

ފުރަތަމަ 5 މަސްދުވަހު މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެ


މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 3.9 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމް.އެމް.އޭއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 5 މަސް ދުވަހު ރާއްޖެއިން ތިރީސް އެއް ހާސް ހަތަރު ސަތޭކަ މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ އެމުއްދަތުގައި ވަނީ ތިރީސް ދެހާސް ހަތް ސަތޭކަ މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައެވެ. މިއީ ބާރަ ސަތޭކަ މެޓްރިކްޓަނުގެ އިތުރުވުމެއްކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުން ދައްކައެވެ.

ފުރަތަމަ 5 މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓް ކުރިމަހުގެ ތަފާސް ހިސާބަށް ބަލާލާއިރު، ސަތާރަ ހާސް މެޓްރިކް ޓަނުގެ ކަޅުބިލަމަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި އަށް ހާސް އަށް ސަތޭކަ މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި މަހުގެ އެހެން ބާވަތްތައް ހިމެނޭ ގޮތަށް 204 ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މީގެ ތެރެއިން މިދިޔަ އަހަރުގެ ފުރަތަމަ 5 މަސް ދުވަހާ އަޅާބަލާއިރު މަދުވެފައިވަނީ ކަޅުބިލަސް މަސް އެކްސްޕޯޓްކުރި މިންވަރެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހުގެ ތެރޭގައި ސަތާރަ ހާސް މެޓްރިކް ޓަނުގެ ކަޅުބިލަމަސް އެކްސްޕޯޓްކޮށްފައިވާއިރު މިދިޔައަަހަރުގެ ފުރަތަމަ 5 މަސް ދުވަހުގެ ތެރޭގައި 20 ހާސް މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހަށް ބަލާލާއިރު ދަޅުގައި ބަންދުކުރި ދަޅުމަސް އެކްސްޕޯޓްކުރި މިންވަރުވެސް ވަނީ އިތުރުވެފައެވެ.