ސިޔާސީ

ޝައިމް ގެއްލުނު މައްސަލައިގެ ޒިންމާ ދައުލަތުން ނަގަންޖެހޭ- މިނިސްޓަރ ޝިދާތާ


ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ޢަބްދުﷲ ގެއްލުނު މައްސަލާގައި މުޅި ދައުލަތް ޒިންމާވާންޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޝައިމް ގެއްލުނު މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ޖެންޑަރ މިނިސްޓަރ ޝިދާތާއި ކުރައްވާފައިވާ ސުވާލަކީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ، 14 އަހަރުގެ ޝައިމް ޢަބްދުﷲ ގެއްލުނު މައްސަލާގައިއި ޒިންމާވާންޖެހޭ ފަރާތަކީ ކޮބައިތޯއާއި، އެފަރާތަކާމެދު އެޅި ފިޔަވަޅަކީ ކޮބައިތޯއެވެ.

އެސުވާލަށް ޖަވާބުދެއްވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ޝައިމް ނެތްކަން ފާހަގަކުރެވުނު ވަގުތުން ފެށިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުޑަކުދިންގެ ހިޔާއާއި ޖެންޑަރ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ފެށިކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޝައިމް ގެއްލުނު މައްސަލާގައި ޖެންޑަރ މިނިސްޓްރީން ޒިންމާ ނަގަންޖެހޭކަމަށް ޤަބޫލުފުޅުކުރައްވާކަމަށާއި، ޚާއްޞަކޮށް މި މައްސަލާގައި މުޅި ދައުލަތް ޒިންމާ ނަގަންޖެހޭކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވީ، ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ހެދުމާއި އެކި ފަންތީގެ އެކި ކުދިން ބެލެހެއްޓުމަށް މަރުކަޒުތައް ހެދުމަކީ ދައުލަތުގެ ޒިންމާއެއްކަމަށްވުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޝައިމް ގެއްލުމުން ޖެންޑަރ މިނިސްޓްރީގައި އެކަމަށް ޚާއްޞަ ކޮމިޓީއެއްއެކުލަވާލާ އެ މައްސަލަ ބަލަމުން އަންނަކަމަށާއި، އެ ކުއްޖާ ގެއްލުނު ހިސާބުން ފެށިގެން ކުޑަކުދިންގެ ހިޔާގައި އެގަޑީގައި ޑިއުޓީގައި ހުރި މުވައްޒަފަކު މަސައްކަތުން އެކަހެރިކޮށް ސަސްޕެންޑްކޮށްފައިވާކަމަށެވެ. އަދި އެމައްސަލާގައި އެކަން ހިނގިގޮތުގެ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައަލާފައިވާކަން ފާހަގަކުރައްވާ މިނިސްޓާރ ވިދާލުވީ މިހާރުވެސް އިންވެސްޓިގޭޝަން ރިޕޯޓެއް އެކުލަވާލަމުން އަންނަކަމަށެވެ.

"މި މައްސަލާގައި ނަގާފައިވާ މުވައްޒަފުންގެ ބަޔާނާއި ވަގުތުތަކާއި ގަޑިތައް އެނގޭނެ ހތަފްސީލް ރިޕޯޓެއް މި މަޖިލީހަށާއި، ހިއުމަން ރައިތްސް ކޮމިޝަނަށް މިހާރުވާނީ ފޮނުވާފައި." މިނިސްޓަރ ވިދާޅުވިއެވެ.

މެންބަރު ވަނީ ޝައިމް ގެއްލުނު މައްސަލާގައި މިނިސްޓަރ އެކުއްޖާގެ ޒާތީ ގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައިވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަންކުރެއްވި ސަބަބާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އެކުއްޖާގެ އެއްވެސް ޒާތީ މަޢޫލޫމާތުތަކެއް ޢާންމުކޮށްފައިވާކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށެވެ. ނަމަވެސް އެވަގުތުގެ ހާލަތުން މަސްލަހަތު ގެއްލޭނެފަދަ ވާހަކަތަކެއް ފެތުރެމުންދިޔަކަން ފާހަގަކުރައްވާ މިނިސްޓާރ ޝިދާތާ ވިދާޅުވީ، ރައްޔިތުންނަށް އޮޅުންއަރާގޮތަށް މުޅި މުޖުތަމަޢުގެ މަސްލަހަތު ގެއްލޭފަދަ ކަމެއް ހިނާނަމަ އެ މަސްލަހަތު ހިމާޔަތްކުރުމަކީ އެކަމަނާގެ ޒިންމާއެއްކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. މިނިސްޓަރ ވަނީ އެކަމާނާ ދެއްވި ޕްރެސް ކޮންފަރެންސްގެ ތަފްސީލްވެސް ހިއްސާކުރައްވާފައެވެ.

"އަޅުގަނޑު ދިން ތިރީސް މިނެޓްގެ ޕްރެސްކޮންފަރެންސްގައި އެއްވެސް ވާހަކައެއް ޒާތީ މަޢޫލޫމާތެއް ހާމަކޮށްފައެއްނުވާނެ. އަޅުގަނޑުގެ ޒިންމާއެއް އެއީ އާންމު މަސްލަހަތު ހިމާޔަތްކުރުމާއި ރައްޔިތުންނަށް އޮޅުންއަރާކަމެއްވާނަމަ އޮޅުންފިލުވައިދިނުން. ޒާތީ މަޢުލޫމާތު ހާމަކުރުމަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައިނުވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ޝައިމް ފެނުނީ ކޮންތާކުންތޯ މެންބަރަކު ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ އެކުއްޖާ ފެނުނީ ދެކޮޓަރީގެ އެޕާޓްމަންޓަކުންކަމަށް. އަދި މިހާތަނަށް ބެލި ބެލުމުން އެކުއްޖާ ފިލީކަމަށް ތަހްޤީޤަށް ހާމަވާކަމަށާއި، މިކަމުގައި ބޮޑެތި ބައެއްގެ ހިއްސާއޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހިޔާގެ އެއްވެސް މުވައްޒަފެއްގެ ޝާމިލްވުމެއް މިކަމުގައި އޮތްތޯ ބަލަމުން އަންނަކަމަށާއި، އެފަދަކަމެއް ފާހަގަ ކުރެވިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނެކަމަށް ވިދާޅުވިއެވެ.

ކުޑަކުދިން ބަލަހައްޓާ ތަންތަނުގެ ހާލަތާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ، ފާއިތުވި ހަ އަހަރުދުވަހުގެ ތެރޭގައި ކުޑަކުދިން ބަލަހައްޓާ ތަންތަނުގެ ހާލަތު ޢުމްރާނީ ގޮތުންނާއި ވަސީލަތްތަކާއި ޚިދުމަތްތަކުގެ ގޮތުން ވަރަށް ދަށަށްގޮސްފައިވާކަމަށެވެ. ނަމަވެސް އެކަންކަން ވަރަށް ބޮޑަށް މިސަރުކާރުން ރަނގަޅުކޮށްފައިވާކަމަށާއި، އަދިވެސް އެ މަސައްކަަތްކުރަމުން އަންކަމަށް ވިދާޅުވި. އަދި ކުޑަކުދިން ބަލަހައްޓަމުން އަންނަ ތަންތަނުގައި މުވައސްޒަފުން މަދުކަމާއި އެތަންތަނަށް ކަނޑައަޅާފައިވާ ބަޖެޓްގެ ކުޑަކަމުގެ ކަންބޮޑުވުންވެސް ޖެންޑަރ މިނސިްޓަރ ވަނީ ފާޅުކުރައްވާފައެވެ.

"ކުޑަކުދިންގެ ހިޔާއަކީ އެކުދިންގެ ގެ. އެއްގޮތަކަށްވެސް ޑިޓެންޝަން ސެންޓަރުތަކެއް ނޫން. އެކުދިންތިބެނީ ބަންދުކޯށްފައެއްނޫން. އެކުދިންވެސް ތިބެނީ ތިބޭފުޅުންގެ ދަރިން ގޭގައި ތިބޭގެން އެކުދިންގެ ގޭގައި. ބަލަހައްޓާ ފަރާޓްތަކާއެކު އެކުދިންނަށް ބޭރަށްވެސްދެވޭނެ."

ދަޢުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް ގެއްލިފައިވަނީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ. ޝައިމް މީގެ ކުރިންވެސް ފިލާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޝައިމް ޢަބްދުﷲ ގެއްލިގެން ފުލުހަށް ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްފައިވެއެވެ. ޝައިމް ފެނުނީ ހޯދާތާ 2 ހަފްތާ ފަހުން މިމަހުގެ 1 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. ޝައިމް ފޮރުވި މައްސަލާގައި 2 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.