ސިޔާސީ

ރައީސްގެ އަމާޒު: "އައިއޯއައިޖީ ރާއްޖޭގައި ބާއްވާނީ ތަރައްޤީގެ މަޝްރޫޢުތަކާއެކު"


2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރާއްޖޭގައި ބޭއްވުމަށް ބޮޑު ޚަރަދެއް ނުކުރާނެކަމަށާއި، އެ މުބާރާތް ބާއްވާނީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރާއްޖޭގެ ކިޓް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށާއި، ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ފްލޭގު ބެއަރަރ އިޢުލާނު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މި އަހަރުގެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ފުރާއިރު، ދިވެހިންގެ ބޮޑު އުއްމީދެއް އެބައޮތްކަމަށެވެ.

2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުންމަށް ސަރުކާރުން ކުރާ މަސައްކަތުގައި މިހާތަނަށް ވަރަށް ގިނަ ޤައުމުތަކުގެ ރުހުމާއި ތާއީދު ޔަޤީންވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އައި އޯ އައި ޖީ ރާއްޖޭގައި ބާއްވާއިރު އެކަމަށް ބޮޑެތި ޚަރަދުތަކެއް ކުރުމުގެ ވިސްނުމެއްނެތްކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެން، އެ މުބާރާތް ބޭއްވުންކަން ރައީސް ފާހަގަކުރެއްވިއެވެ.

" މިފަދަ ބޮޑު މުބާރާތެއްގެ ވާހަކަ ދައްކާއިރު، ބައެއް ބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުރެދާނެ. އެކަމަށް ބޭނުންވާ ކުޅިވަރު ސްޓޭޑިއަމްތަކާއި، ދަނޑުތަކާއި، ކުޅިވަރު ކޯޓުތައް ހަދާނީ ކިހިނެއްތޯ ސުވާލު އުފެދިދާނެ. އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މާލީ ތަނަވަސްކަން، ރާއްޖޭގައި އެބަހުރިތޯވެސް ސުވާލުކުރުން އެކަށީގެންވޭ. އަޅުގަނޑުމެން ސީދާ އެ މުބާރާތަށް އަމާޒުކޮށްގެން، ބޮޑެތި ޚަރަދުތަކެއް ކުރާކަށް ޤަޞްދެއްނުކުރަން. އަޅުގަނޑުގެ ވިސްނުންހުރީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވުން. އަޅުގަނޑުމެންގެ ވަޢުދުތައް ފުދިގެންދާއިރު، ޤައުމަށް އެ އަންނަ ކުރިއެރުމަކީ، މި މުބާރާތަށް މަގު ކޮށައިދޭނެ ކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މުބާރާތް ބޭއްވުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ނުކުރިނަމަވެސް، އެ މުބާރާތްތަކަށް ކުޅުންތެރިން ތައްޔާރުކުރުމަށް، ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށެވެ. އެންމެ ފުރިހަމައަށް ކުޅުންތެރިން ތަމްރީނު ކުރުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

" ސަރުކާރުން މިހާރު ޤަޞްދުކޮށްފައި އޮތީ، 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް، ދިވެހި ކުޅުންތެރިން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ދުރާލައި ފަށަން. މި އަހަރުގެ މުބާރާތް ނިމުމާއެކު، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ، އެއީ ހަތަރު އަހަރުގެ މުއްދަތަށް ހިންގާ ޕްރޮގްރާމަކަށްވާނެ." ރައީސް ވިދާޅުވިއެވެ.

ކުޅިވަރަކީ ދިވެހީންގެ ހިތުގެ ވިންދާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ދިވެހި ސަޕޯޓަރުންގެ އުންމީދުތައް މިހާރު ހުރީ ވަރަށް މަތީގައިކަމަށާއި، ދިވެހި ސަޕޯޓަރުންގެ އަމާޒަކީ މެޑެލްކަމަށެވެ.

މި އަހަރުގެ ގޭމްސްއަށް ރާއްޖެއިން ދަނީ ވަރަށް ޒުވާން، އުންމީދީ ކުޅުންތެރިންތަކަކާއެކުކަން ފާހަގަކުރައްވާ ރައީސް ވަނީ ކުޅުންތެރިން ހޯދާ ކޮންމެ ކާމިޔާބަކީ، އަދި ހޯދާ ކޮންމެ ރީތި ނަމަކީ، މުޅި ޤައުމަށް ލިބޭނެ ވަރަށް މަތިވެރި ފަޚުރަކާއި ޝަރަފަކަށްވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އަޚްލާޤް ރަނގަޅުބަޔަކަށްވުމަށް ހުރިހާ ކުޅުންތެރިނަށް ރައީސް އިލްތިމާސްކުރެއްވިއެވެ.