ޚަބަރު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުގެ ރަސްމީ ނަތީޖާ ޢިއުލާންކޮށްފި


ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ޢިއުލާންކޮށްފިއެވެ.

ކުރިއަށް އޮތް 3 އަހަރު ދުވަހަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގެޒެކެޓިވް ކޮމިޓީގެ މަޤާމްތަކަށް ޤާނޫނީ ހަމަތަކުގެ މަތީން އިންތިޚާބު ވެފައިވަނީ އެކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގައި އިންތިޚާބުކުރި 6 ވަކީލުންނެވެ.
މި އިންތިޚާބުގައި ބާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ، މަޝްހޫރު ޤާނޫނީ ވަކީލު، ހ.މީނާޒް، މައުމޫން ޙަމީދެވެ. މައުމޫން ޙަމީދަށް މިއިންތިޚާބުގައި ވޯޓުލީ 955 މީހުންގެ ތެރެއިން 543 މީހުންގެ ވޯޓުވަނީ ލިބިވަޑައިގެންފައެވެ. މައުމޫން ހަމީދާ ވާދަކުރެއްވި ކުރީގެ ބަންޑާރަ ނާއިބު، އައްޑޫ ސިޓީ މީދޫ، ހަސަންކާރީގޭ ޙުސްނުއްސުޢޫދަށް ލިބިވަޑައިގަތީ 401 ވޯޓެވެ.

ބާ ކައުންސިލްގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ރަސްމީ ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ ވޯޓާއެކު ނާއިބު ރައީސްކަމުގެ މަޤާމަށް މއ.ޑޯންޝައިން، ޢަބްދުﷲ މުޢިއްޒު އިންތިޚާބުވީ 792 ވޯޓުގެ ތަނަވަސް އަޤްލަބިއްޔަތަކުންނެވެ. ޢަބްދުﷲ މުޢިއްޒުއާ ވާދަކުރެއްވި ނ.ވެލިދޫ، އެލްޕާޝޯ، މުޙައްމަދު ޙަލީމަށް ލިބިވަޑައިގަތީ 139 ވޯޓެވެ.

ރަސްމީ ނަތީޖާ ދައްކާގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލެއްވި 19 ބޭފުޅުންގެ ތެރެއިން ކޮމެތީއަށް އިންތިޚާބުވި 6 މެންބަރުންނަކީ، މަޝްހޫރު ޤާނޫނީ ވަކީލު މުހައްމަދު ފައިސަލާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޢާއިޝާ ސުޖޫން މުހައްމަދުގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަނަސް އަބްދުއްސައްތާރާއި، ޤާނޫނީ ވަކީލު މުޙައްމަދު އަސީލް ހަސަނާއި ކުރީގެ މަޖިލިސް މެންބަރު އަނާރާ ނައީމެވެ.