ސިޔާސީ

ބޮޑު ޚިޔާނާތުގެ މައްސަލަ ތަޙްޤީޤްކުރުމަށް ޓީމެއް އެކުލަވާލަނީ


އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅޭ މައްސަލަތައް ތަޙްޤީޤްކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ރިޔާސީ ކޮމިޝަން ގުޅިގެން ތަޙްޤީޤީ ޓީމެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ އެމްއެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް މާލިއްޔަތުކޮމިޓީޢަށް ޙާޒިރުކުރުމުން ދެއްކެވި ވާހަކަފުޅުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން ވަނީ އެމްއެމްޕީއާރުސީގެ ކޮޕަރްޝަންގެ މައްސަލަ ލީޑްކުރަނީ ކޮން ތަޙްޤީޤީ އިދާރާއަކުންތޯ ސުވާލުކުރައްވާފައެވެ. ރިޔާޒް ވަނީ ކޮންމެ މުއައްސަސާއަކުންވެސް އެ މުއައްސަސާއެއްގެ މެންޑޭޓްގައި ހިމެނޭކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން އޭސީސީއާއި ފުލުހުން ވަރަށް ބޮޑަށް ގުޅިގެން މިހާތަނަށް ތަޙްޤީޤްކުތައް ކުރިއަށް ގެންގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

ސުވާލަށް ޖަވާބުދެއްވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ، މިހާރު ޑްރާފްޓް ކުރަމުންދާ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ފުލުހުންނާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއި އޭސީސީ ގުޅިގެން މައްސަލަ ތަޙްޤީޤްކުރުމަށް ޖޮއިންޓް އިންވެސްޓިގޭޝަން ޓީމެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އެކަމާގުޅޭ ލިޔެކިއުންތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، އެކަމާއި ގުޅުންހުރި އެއްއޯޔޫއެއްގައި މިހަފްތާގެ ތެރޭގައި ސޮއިކުރެވޭނެކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވަނީ މިހާރުވެސް ރަސްމީ އެއްބަސްވުމެއް ނެތްނަމަވެސް ތިން ފަރާތްގުޅިގެން ގިނަ މަޢުލޫމާތުތަކެއް ބަދަލުކޮށް މައްސަލާގައި ގުޅިގެން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ރިޔާސީ ކޮމިޝަނާއި މަޢުލޫމާތު ހިއްސާކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

"ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ޑްރާފްޓްކުރުމުގެ މަސައްކަތްކުރަމުން އަންނައިރު އޭގެ ކުރިން ތިން ފަރާތުން ޖޮއިންޓް އިންވެސްޓިގޭޝަން ޓީމެއް އެކުލަވާލުމުގެ މަސައްކަތް މިކުރަނީ. ބޮޑަށް ލަފާކުރެވެނީ މިހަފްތާ ނިމުމުގެކުރިން އެމްއޯޔޫއެއްގައި ސޮއިކުރެވޭނެކަމަށް." ރިޔާާޒް ވިދާޅުވިއެވެ.

މެންބަރުން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބީއެމްއެލްއާއި މީރާއާއި އެމްއެމްއޭ އާއި އޭސީސީއާއި ފުލުހުންގެ މުއައްސަސާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝާމިލުވުމެއް އޮތްތޯ ސުވާލުކުރައްވާފައެވެ. ނަމަވެސް ކޮމިޓީގެ މެންބަރުންގެ ގިނަ ސުވާލުތަކަށް ސީދާ ޖަވާބެއް ރިޔާޒް ދެއްވާފައެއްނުވެއެވެ.

ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑަކަށްވެސް ހުންނެވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވަނީ ކޮމިޓީއަކީ މީޑިއާއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބައްދަލުވުމެއްކަމުން އެކަމުގެ މަޢޫލޫމާތު ސިއްރު ބައްދަލުވުމެއްގައި ހިއްސާކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެކަމުގައި ފަރުދުންގެ ޒާތީ ގިނަ މަޢުލޫމާތުތަކެއް ހުރިކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ތަންތަން ބަލައި ފާސްކޮށް ފުލުހުން ބޭނުންވާ ލިޔެލިއުމާއި މަޢުލޫމާތުތައް ހޯދަމުން އަންނަކަމަށް ވިދާޅުވެފައެވެ. މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި އެއްވެސް މިހާކު ހުރިތޯއާއި، އެއްވެސް އެކައުންޓެއް ފްރީޒްކޮށްފައިވޭތޯ ސުވާލުކުރެއްވުމުން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަމަކަށް އޭނާ ވިދާޅެއްނުވެއެވެ. އެއީ ފަރުދުންގެ ޒާތީ މަޢޫލޫމާތު ހުރިކަމެއްކަން ފާހަގަކުރައްވައި އޭގެ މަޢުލޫމާތު ދިނުމަށް އުޒުރުވެރިވާކަމަށް ރިޔާޒްވަނީ ވިދާޅުވެފައެވެ. ނަމަވެސް ކުރިން ބައެއް އެކައުންޓްތައް ފްރީޒްކުރިކަމަށާއި، މިވަގުތު އެއްވެސް އެކައުންޓެއް ފްރީޒްކޮށްފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައެއް އެންމެ ފުރަތަމަ ފުލުހުންނަށް ހުށައަޅާފައިވަނީ 2015ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 17 ގައިކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީން ދޫކުރި ފަޅުތަކާއި ރަށްތަކާއި ނަސަންދުރަ މައްސަލަ ހިމެނޭހެން 57 މައްސަލައެއް ތަޙްޤީޤްކުރުމަށްފަހު ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން 5 މައްސަލައަކީ މަނީލޯޑަރިންގެ މައްސަލަތައްކަމަށާއި، 2 މައްސަލައެއް ކޯޓްގައި ދައުވާކޮށްފައިވާކަމަށް. ނަމަވެސް ކޯޓް މަރުހަލާގައި ހުކުމެއް އައިސްފައިވަނީ ޅ.މާބިންހުރާ މައްސަލާގައިކަމަށާއި، ގިނަ މައްސަލަތައް ދައުވާކުރަން ނުފެންނަކަމަށް ބުނެ ޕީޖީއަން އަނބުރާ ފޮނުވާލާފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މެންބަރުން ވަނީ 2015 ވަނަ އަހަރުންފެށިގެން ފުލުހުން އެމްއެމްޕީއާރުސީގެ މައްސަލަ ތަޙްޤީޤްކުރަމުން އަންނައިރު އެ ހުރިހާ މައްސަލަތަކެއް ނިންމައި ދަޢުވާކުރަން ފޮނުވޭނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރިޔާޒް ވިދާޅުވީ، މިހާރު އާދަޔާ ޚިލާފް ލަސްތަކެއް މައްސަލާގައި އަންނާނެކަމަށް ލަފާނުކުރެވޭކަމަށާއި، ނަމަވެސް މައްސަލަތައް އެކޮށް ނިންމާލެވޭނެ ތާރީޚެއް ދަންނަވަން ދަތިކަމަށް ވިދާޅުވެފައެވެ.