ވިޔަފާރި

ދުނިޔޭގެ އެންމެ ހިތްގައިމު ޖަޒީރާ ރަށްތަކުގެ ލިސްޓުގައި ރާއްޖެ


ޓްރެވަލް ޕްލަސް ލެޝަރ މެގަޒިންއިން އެކުލަވާލި ދުނިޔޭގެ އެންމެ ހިތްގައިމު ޖަޒީރާ ރަށްތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.

އެ މެގަޒިންގެ ކިޔުންތެރިންގެ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ލިސްޓުގައި ޖުމްލަ 15 މަންޒިލެއް ހިމެނޭއިރު ރާއްޖެއަށް ލިބިފައިވަނީ 5 ވަނައެވެ.

ޓްރެވަލް ޕްލަސް ލެޝަރއިން އަހަރަކު އެއްފަހަރު ނެރޭ ވޯލްޑްސް ބެސްޓް އެވޯޑްސް ސަރވޭގައި އެ މެގަޒިންގެ ކިޔުންތެރިންގެ މެދުގައި އެންމެ މަޤްބޫލް އެއަލައިންތަކާއި، ސްޕާތަކާއި ކުރޫޒް ޝިޕްތައްފަދަ، ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން ހިމެނެއެވެ.

މީގެ ތެރެއިން އެންމެ ހިތްގައިމު ޖަޒީރާ ޤައުމުތަކުގެ ލިސްޓުގައި މަންޒިލްތައް ހިމެނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ގުދުރަތީ ރީތި ކަމާއި، ގޮނޑޮދޮށްތަކުގެ ހިތްގައިމުކަމާއި އެ މަންޒިލެއްގައި ލިބެން ހުންނަ ކެއުންތައް ފަދަ ކަންތައްތައް ހިމެނެއެވެ.

މި ލިސްޓުން ރާއްޖެއަށް 5 ވަނަ ލިބިފައިވާއިރު، ރާއްޖެއަށް ލިބިފައިވަނީ 90.48ގެ ސްކޯރއެކެވެ. ލިސްޓުގެ އެއްވަނަ އަށް އައިސްފައިވަނީ 92.12ގެ ސްކޯރއަކާއި އެކު ސްރީލަންކާއެވެ. ދެވަނައަށް ހޮވިފައިވަނީ ފިލިޕީންސްގެ ޕަލަވަން އައިލެންޑްސްއެވެ.

ޓްރެވަލް ޕްލަސް ލެޝަރ މެގަޒިން އަކީ އެމެރިކާގެ ނިއުޔޯކް ސިޓީގެ ކުންފުންޏަކުން ނެރޭ މެގަޒިންއެކެވެ. އެ މެގަޒިންގެ ކިޔުންތެރިންގެ އަދަދު 4.8 މިލިއަނަށް އަރައެވެ.