ޔުއެފާ ކޮންފަރެންސް ލީގުގެ ޕްލޭއޮފްގައި ރޭ ފްރެޑްރިކްސްޓަޑާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް މޮޅުވެއްޖެއެވެ.
ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ކްރިސްޓަލް ޕެލަސް ކުޅުނު ފުރަތަމަ މެޗަށް ނިކުތްއިރު އެ ޓީމުގެ ފޯވަޑް އެބެރޭޗީ އެޒޭއަށް މި މެޗުން ފުރުސަތު ދީފައެއް ނުވެއެވެ. އެއީ މިހާރު ކުރިއަށްދާ ޓްރާންސްފަރ ވިންޑޯގައި އާސެނަލް އިން އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާތީ އެވެ.
ނިމިގެންދިޔަ ފުޓްބޯޅަ ސީޒަނުގައި މެންޗެސްޓަރ ސިޓީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމާއިއެކު އެ ޓީމަށް ޔޫރޮޕާ ލީގުގެ ފުރުސަތު ލިބުނު ނަމަވެސް ޔޫއެފާ އިން ވަނީ ޕެލަސް އަށް އެ ފުރުސަތު ނުދީ އެ ޓީމަށް ކޮންފަރެންސް ލީގުން ފުރުސަތު ދީފަ އެވެ.
ޔޫއެފާ އިން ޕެލަސް އަށް ޔޫރޮޕާ ލީގުން ފުރުސަތު ދީފައިނުވަނީ އެ އިދާރާގެ މަލްޓި ކްލަބް އޯނާޝިޕްގެ ގަވާއިދާއި ހިލާފު ވެފައިވާތީ އެވެ. ޔޫއެފާގެ ގަވާއިދުގައިވާ ގޮތުން އެއް ކުންފުނިން ހިންގާ ދެ ކްލަބަކަށް ޔޫއެފާގެ އެއް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ. މި ގަވާއިދުގެ ދަށުން ޕެލަސް ބޭރުކޮށްފައިވަނީ އެ ކްލަބް ހިންގާ ކުންފުނީގެ އިތުރުން ފްރާންސްގެ ލިއޯން ހިންގާ ކުންފުނީގެވެސް ހިއްސާދާރެއްގެ ގޮތުގައި ޖޯން ޓެކްސްޓާ ހުރުމުންނެވެ. ޓެކްސްޓާ އަކީ ކްރިސްޓަލް ޕެލަސްގެ %43 ހިއްސާ އޮތް ފަރާތެކެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފަނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ކްރިސްޓަލް ޕެލަސްގެ ޝޯން ފިލިޕް މަޓޭޓާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ކްރިސްޓަލް ޕެލަސް އިން ޖެހި ފުރަތަމަ ލަނޑެވެ.
ޕްލޭއޮފްގެ ދެވަނަ ލެގުގައި އަންނަ ބުރާސްފަތި ދުވަހު މި ދެ ޓީމު ބައްދަލުކުރާނީ ނޯވޭ ގައެވެ.