ކުޅިވަރު

ލިވަޕޫލަށް އޮތީ އުނދަގޫ ޕްރީސީޒަނެއް: ކޯޗު


ލިވަޕޫލަށް މި ފަހަރު ފުރިހަމަ ކުރަން ޖެހިފައިވަނީ ވަރަށް އުނދަގޫ ޕްރީ ސީޒަނެއް ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރީ ސީޒަނުގެ ފުރަތަމަ މެޗު ރޭ 6-0އިން ކާމިޔާބު ކުރުމަށްފަހު އެވެ.

ނަމަވެސް ކޯޗު އިޝާރާތް ކުރީ ޓީމުގެ މުހިންމު ކުޅުންތެރިން ނެތި ޕްރީސީޒަނުގެ ބޮޑު ބައި ފުރިހަމަ ކުރަން ޖެހޭތީ އެވެ.

ފޯވަޑް މުހައްމަދު ސަލާހާއި ބްރެޒިލްގެ ކީޕަރު އަލިސަން ބެކާ އާއި ފޯވަޑް ރޮބާޓޯ ފިރްމީނޯ އަދި ސެނަގާލްގެ ފޯވަޑް ސާދިއޯ މާނޭ ތިބީ ޓީމާ ދުރުގަ އެވެ.
އެއީ ގައުމީ ޓީމުގެ މުހިންމު މުބާރާތްތަކަށް ފަހު އެ ކުޅުންތެރިންގެ ޗުއްޓީ އަދި ކިރިޔާ ފެށިފައިވުމުންނެވެ.

"ޒުވާން ކުޅުންތެރިން އެބަތިބި ނުކުޅެ. އެމީހުން ޓެސްޓް ކުރެވޭނެ މިވަގުތު. ޓްރާންސްފާ މާކެޓުގައި އަހަރުމެން ހަރަކާތްތެރިވާންވީ ގޮތް މި މެޗުތަކުން އެނގޭނެ. އެކަމަކު މުހިންމު ގިނަ ކުޅުންތެރިން ނެތުމަކީ ވަރަށް އުނދަގޫ ކަމެއް. މިފަހަރު އަހަރުމެންނަށް ޓީމު ސެޓް ކުރަން ދަތިވާނެ،" ކޯޗު ބުންޏެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގެ ވެރިން ވަނީ ލިވަޕޫލަށް މި ސީޒަނުގައި އެންމެ މުހިންމީ ޕްރެމިއާ ލީގު ކަމަށް ބުނެފަ އެވެ.