ވިޔަފާރި

ހުއްޓިފައިވާ އައިސްޕްލާންޓްތައް މިމަހުގެ ތެރޭގައި އޮޕަރޭޓްކުރަން ފަށާނެ- އެސްޓީއޯ


ހުއްޓިފައިވާ މިފްކޯގެ އައިސްޕްލާންޓްތަކުގެ މަސައްކަތްތައް މިމަހުގެ ތެރޭގައި އަލުން ފަށާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ " ޖަޒީރާ ހޮޅުއަށި" ގެ ބައްދަލުވުންތަކުގެ ތެރެއިން ތިނަދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ މިވަގުތުވެސް ރާއްޖޭގެ 15 ރަށެއްގައި އައިސް ޕްލާންޓްތައް އޮޕަރޭޓްކުރަމުންދާކަމަށެވެ. އެގޮތުން މިހާރު އައިސް ޕްލާންޓްގެ މަސައްކަތް ހުއްޓިފައިވާ ތިން ރަށްކަމަށްވާ ގދ. ގައްދޫއާއި ގދ. ފަރެސްމާތޮޑާ އަދި ގއ. ދެއްވަދޫގެ އައިސް ޕްލާންޓްގެ އޮޕަރޭޝަންތައް މިމަހުގެ ފަހުކޮޅު ފަށާނެކަމަށް އަމްރު ވިދާޅުވިއެވެ.

"މިވަގުތު ރާއްޖޭގެ 15 ރަށެއްގައި އައިސް ޕްލާންޓް އޮޕަރޭޓްކުރަމުންދަނީ. އޭގެ ޓޯޓަލް ކެޕޭސިޓީއަކީ 605 ޓަނު. ދެން މިވަގުތު ބްރޭކް ޑައުންގައި މި އުޅެނީ ގައްދޫ އާއި ފަރެސްމާތޮޑާއި އަދި ދެއްވަދޫ." އަމްރު ވިދާޅުވިއެވެ.

" މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރަން" މި ނަމުގައި ބޭއްވި ބައްދަލުވުމުގައި ގިނަ އަދަދެއްގެ މަސްވެރިންނާއި އާއްމު ރައްޔިތުން އެމީހުންގެ ޚިޔާލު ވަނީ ފާޅުކޮށްފައެވެ. އެގޮތުން ރާއްޖޭގައި އައިސް ޕްލާންޓް މަދުވުމާއި ތެޔޮ އަންދައިގެން ދުރު ރަށްރަށަށް 'އައިސް' ގަތުމަށް ދަތުރުކުރަން ޖޭހޭކަމަށް ފާހަގަކޮށް ގިނަ މަސްވެރިން ވަނީ ޝަކުވާކޮށްފައެވެ.

އަމްރު ވިދާޅުވީ މިހާރު ތަރައްޤީކޮށްފައި ހުރި އައިސް ޕްލާންޓްތަކުގެ މަސައްކަތްތައް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިފްކޯއިން ކުރާނެކަމަށެވެ. ވަކިން ޚާއްސަކޮށް ގިނަ ރަށްރަށުގެ މަސް ދޯނިފަހަރު އައިސް ގަތުމަށް ލަފާފުރާ ތިނަދޫގެ އައިސްޕްލާންޓްގެ ކެޕޭސިޓީ ބޮޑުކުރުމަށް މަސައްކަތްކުރާނެކަމަށް އަމްރު ވަނީ ފާހަގަކުރައްވާފައެވެ.

އައިސް ޕްލާންޓްތަކާއި ބެހޭގޮތުން މަސްވެރިން ހިއްސާކުރި ކަންބޮޑުވުންތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، މަސްދޯނިފަހަރަށް އެކަށީގެންވާ ވަރަށް އައިސް ނުލިބުމަކީ ރާއްޖޭގެ މަސްވެރިކަމަށް ދިމާވެފައިވާ ބޮޑު ކަންބޮޑުވުމެއްކަމަށާއި މިކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެސްއެމްއީ ބޭންކުގެ އެހީގައި މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ލޯނުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. އެހެންނަމަވެސް އަދި މިހާތަނަށް ވެސް އެއްވެސް ފަރާތަކުން ލޯނަށް އެދިފައިނުވާކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.

" އަޅުގަނޑުމެން ހުރިހާ އެންމެނަށް ވެސް އެނގޭ ރާއްޖޭގައި އެކަށީގެންވާ ވަރަކަށް އައިސް ނުއުފެއްދޭކަން. އެއީ ފުދޭވަރެއްގެ ގިނަ މަސައްކަތްތަކެއް ކޮށްގެން ކުރެވޭނެ ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެން ވާނެ އައިސް ޕްލާންޓް ސިސްޓަމް ބެހެއްޓުމަށްޓަކައި މިހާރު އަލަށް ހުޅުވުނު އެސްއެމްއީ ލޯން މެދުވެރިކޮށް ލޯންގެ ފުރުސަތު ހުޅުވާލާފައި. އެހެންކަމުން މި ފުރުސަތު ވެސް ވަނީ ތިބޭފުޅުންނަށް ފަހިވެފައި." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

އަތޮޅުގެ ރަށްތަކުގައި ތަރައްޤީކޮށްފައިވާ އައިސް ޕްލާންޓްތައް މަދުވުމަކީ މަސްވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ. އައިސް ޕްލާންޓް މަދުވުމުގެ ސަބަބުން މަސްވެރިކަމަށް ކުރަން ޖެހޭ ޚަރަދު ބޮޑުކަމަށް ވެސް ގިނަ މަސްވެރިން ފާހަގަކުރެއެވެ.