ސިޔާސީ

ސޮބާހްގެ ބަންދާމެދު ކުރިމިނަލްކޯޓުގެ ނިންމުމަށް ހައިކޯޓުން ތާއީދު


މިމަހުގެ އެއްވަނަދުވަހު އިދިކޮޅު ފަރާތަކުން މާލޭގައ ބޭއްވި މުޒާހަރާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ ސޮބާހް ރަޝީދް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއިދްކޮށްފިއެވެ.މުޒާހަރާގައި ދެއްކި ވާހަކަތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ފުލުހުން  ސޮބާހް ހައްޔަރުކުރީ މޭމަހުގެ ދެވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް ކުރިމިނަލްކޯޓުން ފަނަރަދުވަސް ޖަހާދީފައިވޭ. ދަށުކޯޓްގެ ނިންމުން އިސްތިއުނާފްކުރުމުން އެ މައްސަލަ ހައިކޯޓުން މިއަދު ނިންމާ އިއްވި ހުކުމްގައި ސޮބާހް ބަންދުން ދޫކޮށްނުލަށް ނިންމާފައިވެއެވެ. އަދި ދަށުކޯޓްގެ އަމުރަށް ހައިކޯޓުން ތާއިދްކޮށްފައިވޭ. މުޒާހަރާގައި ހިންގާފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން ސަތޭކަ ނުވަދިހަ އަށްވުރެ ގިނަ މީހުން ހައްޔަރުކުރި އިރު އޭގެތެރެއިން ފަންސަވީސް މީހުން ފިޔަވާ އެންމެންވަނީ ދޫކޮށްލާފައެވެ.ދޫކޮށްނުލާ ތިބި މީހުންގެ ތެރެއިން ބާވީސް މީހަކަށް ގޭބަންދަށް އިއްޔެ ދަށުކޯޓުން މުއްދަތު ޖަހާދީފައިވާއިރު ބާކީ ތިބިމީހުން ދޫނިދޫ ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ދީފައިވެއެވެ.މީގެ އިތުރުން އެމްޑީޕީގެ  ޗެއަރޕާރސަން އަލީ ވަހީދުގެ ބަންދަށް ހަތްދުވަސް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ބަންދަށް ދިހަ ދުވަސް އިއްޔެ ކުރިމިނަލްކޯޓުން ޖަހާދީފައިވެއެވެ. ފުލުހުން މިބޭފުޅުން ހައްޔަރުކޮށްފައިވަނީ މުޒާހަރާގައި ހަމަނުޖެހުންހިންގުމަށް ހިއްވަރުދިންކަމުގެ ތުހުމަތުގައެވެ.