ޚަބަރު

200 އަށްވުރެ ގިނަ ބައިވެރިންނާއިއެކު މޯލްޑިވްސް ވިމަންސް ރަން 2019ގެ ދެ ވަނަ އެޑިޝަން ބާއްވައިފި


ދުއިސައްތައަށްވުރެ ގިނަ ބައިވެރިންނާއިއެކު މޯލްޑިވްސް ވިމަންސް ރަން 2019ގެ ދެ ވަނަ އެޑިޝަން ޅ.ހިންނަވަރުގައި ކުރިއަށްގެންގޮސްފިއެވެ.

މޯލްޑިވްސް ވުމަންސް ރަން 2019އަކީ އަންހެން ކަނބަލުންނަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަށާއި، އަންހެނުންގެ މެދުގައި ދުވުމުގެ ރޫޙު އާލާކުރުމަށް އެންރޭންޖުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން މިޙަރަކާތުގައި 6 އަހަރުން މަތީގެ ކޮންމެ ކަނަބަލަކަށްވެސް ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލާފައިވާއިރު، މިފަދަ ބޮޑު ދުވުމުގެ ހަރަކަތެއް ޅ.އަތޮޅުގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

ޕީއެސްއެމް ނިއުސްއާއި ވަހަކަދައްކަވަމުން ޅ.ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހީމް ވަނީ މޯލްޑިވްސް ވިމަންސް ރަން ފަދަ ބޮޑު ދުވުމެއް ހިންނަވަރުގައި ބޭއްވުމަކީ، ހިންނަވަރު އިސްތިހާރުވެ އެރަށުގެ ތަރައްޤީއަށް ލިބޭ ފަހިމަގެއްކަމަށެވެ.
މި ދުވުމަކީ މުޖުތަމަޢުގައި އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ރޯލު އިތުރުކުރުމަށް ހިންގާ ހަރަކާތެއް ކަމުގައިވާއިރު މަފަދަ ހަރަކާތްތަކަށް ހިންނަވަރު ކައުންސިލުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށެވެ. މިދުވުމަކީ ނިސްބަތުން ރާއްޖޭގައި އާބާދީ ކުޑަ ރަށެއްގައި ބާއްވާ އެންމެ ފުރަތަމަ މިފަދަ ބޮޑު ހަރަކާތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިފަދަ ދުވުމެއް ބޭއްވުމުގެ ފުރުސަތު ހިންނަވަރަށް ލިބުމަކީ ރަށަށް ލިބޭ ބޮޑު ޝަރަފަކާއި ފަޚުރެއްކަމަށެވެ.

"އަސްލުގައިވެސް މިއީ ލިބޭ ބޮޑު ފަހުރެއް. މިއީ ހަމަ އަދި ފެށުން. ކުރިއަށް އޮތް ބޮޑު ޢީދުގައިވެސް މިފަދަ ހަރަކާތްތަކެއް ފެންނާނެކަމުގެ ބޮޑު އުންމީދެއް އެބައޮތް. އަޅުގަނޑުމެން އަބަދުވެސް މިފަދަ ކަންކަމަށް މަދަދުވެރިވާނަން. އަންހެނުންނަކީ މުޖުތަމަޢުގެ ހިންގުމުގައި މުހިންމު ބައެއްކަން މި ދުވުމުން ހާމަކޮށްދޭނެ." ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

މި ދުވުމުގައި ބައިވެރިވި ކަނބަލުންވަނީ އެމީހުންގެ ޝުޢޫރު ޕީއެސްއެމް ނިއުސްއާ ޙިއްސާކޮށްފައެވެ. އެގޮތުން ދުވުން ކުރިއަށް ދިޔަވަގުތު ވާރޭ ވެހުމުން ދުވުމަށް ދަތިވި ނަމަވެސް މިފަދަ ހަރަކާތްތައް ރާއްޖޭގެ ގިނަ ރަށްރަށުގައި ބޭއްވުމުގެ މުހިންމުކަން މިފަރާތްތަކުން ފާހަގަކުރިއެވެ.

އެންރޭންޖުން ހިންނަވަރުގައި ބާއްވާ "މޯލްޑިވްސް ވިމެންސް ރަން"މިއީ މިއަހަރު ބާއްވާ މިސިލްސިލާގެ ދެވަނަ ދުވަހުއެވެ. އެގޮތުން މި ދުވުމުގެ ފުރަތަމަ ބުރު މިއަހަރުގެ ކުރީކޮޅު ހުޅުމާލޭގައިވަނީ ބާއްވާފައި. މިދުވުމުގައި ދެ ހާހަށްވުރެ ގިނަ ކަނބަލުން ވަނީ ބައިވެރިވެފައެވެ.