މުނިފޫހިފިލުވުން

"އެހެނަސް" ގެ ފުރަތަމަ 5 އެޕިސޯޑް އޮލިމްޕަހުގައި އަޅުވަނީ


އެކްޓަރ އަދި ޑައިރެކްޓަރ ރަވީ ފާރޫޤުގެ ވެބް ސީރީޒް "އެހެނަސް" ޕްރިމިއަރކުރުމުގެ ގޮތުން އެ ސިރީޒްގެ ފުރަތަމަ 5 ޝޯވ އޮލިމްޕަހުގައި އެޅުވުމަށް ނިންމައިފިއެވެ.

"އެހެނަސް" ޕްރިމިއަރކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ޕްރިމިއަރ ޝޯވގެ ޓިކެޓްތައް މިހާރު ވިއްކަން ފަށާފައިވާއިރު، 16 ވަނަ ދުވަހުގެ ރޭ އެހެނަސް ވެބް ސީރީޒްގެ ފުރަތަމަ އެޕިސޯޑު ބައިސްކޯފުގައިވެސް ޕްރިމިއަރކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ވެބް ސީރީޒްއަކީ ލިޔުންތެރިޔާ އަޙްމަދު އިޤްބާލް (އައިކިޔު) ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ…" އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ސީރީޒްއެކެވެ. މި ސީރީޒްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ ދިވެހި ފިލްމީ އިންޑަސްޓްރީއަށް މުޅިން އައު ޒުވާން މޫނުތަކެކެވެ. އެގޮތުން ލީޑް ރޯލުން ފެނިގެންދަނީ މުޙައްމަދު ވިޝާލް (ރޯމަން) އާއި ފާތުމަތު ޝަރާ އާދަމްއެވެ.

އިތުރު ކާސްޓުންގެގޮތުގައި އައިމިނަތު ޝަމާނާ، އައިމިނަތު ސިލްނާ، މަރިޔަމް ވަހީދާ (ޔަމް)، އަޙްމަދު މަސީޙު، އަޙްމަދު ޝާރިފް، މުޙައްމަދު ޔާމިން ޢަލީ، ޢަލީ އުސާމް، މުޙައްމަދު ޔުނާން އަދި އަލީ ނަދީޙްވެސް މި ވެބްސީރީޒް އިން ފެނިގެންދާނެއެވެ. މީގެ އިތުރުން ސީރީޒްގެ މުހިންމު ރޯލަކުން ޝީލާ ނަޖީބުއާއި މުޙައްމަދު މަނިކުވެސް ފެނިގެންދެއެވެ.

މި ވެބް ސީރީޒުން ދައްކުވައިދެނީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ޒުވާން ފިރިހެން ކުއްޖެއްގެ ވާހަކައެވެ. މި ސީރީޒުން ހަނގާކުރުމާއި ގެވެށި އަނިޔާއާއި ގުޅުންހުރި މުހިއްމު މެސެޖްތައް ބެލުންތެރިންނާއި ހަމައަށްގެނެސްދޭނެކަމަށް ސީރީޒްގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ. އަދި އާއްމުކޮށް މުޖުތަމަޢުގެ ތެރޭގައި ނުދެކެވޭ، އަދި އެ ވާހަކައެއް ދެއްކުމަށް ފަސްޖެހޭ ނުވަތަ ލަދުގަންނަ އެތައް ވާހަކައެއްވެސް މި ސީރީޒުން ކިޔައިދޭނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.