ވިޔަފާރި

ޕޯސްޓް އޮފީހުގެ މަސައްކަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް


ޕޯސްޓް އޮފީހުގެ ޚިދުމަތްތައް ފުޅާކުރުމަށް މިއަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއްކުރުމަށް ރާވާފައިވާކަމަށް އެކުންފުނީގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާބެހޭ ކޮމިޓީއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ، އެކުންފުނީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ކުންފުންޏަކީ މަދު މުވައްޒަފުންތަކަކާއި ކުޑަ އޮޕަރޭޝަނެއްގެ ތެރެއިން ހިންގަމުންދާ ކުންފުންޏެއްކަމަށެވެ. އަދި މަދު މުވައްޒަފުންތަކަކާއެކު ކުޑަ އޮޕަރޭޝަނެއްގެ ތެރެއިންވެސް ޕޯސްޓް އޮފީހަކީ ރަނގަޅު ފައިދާއެއް ހޯދަމުން އަންނަ ކުންފުންޏެއްކަމަށް ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާގެ ވާހަކަފުޅުގައި ޕޯސްޓް އޮފީހުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އައު ޚިދުމަތްތައް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގެ ރަށްތަކަށް މިހާރު ފޯރުކޮށްދެމުން އަންނަ ޕޯސްޓްގެ ޚިދުމަތްތައްވެސް އިތުރަށް ހަރުދަނާކުރުމަށް މިއަހަރުތެރޭގައި މަސައްކަތްތަކެއް ފެށިގެންދާނެކަމަށްވެސް ޖެނިފާ ވިދާޅުވިއެވެ. ނަމަވެސް ޕޯސްޓް އޮފީހަށް އިތުރު އިންވެސްޓްތަކެއްކޮށްގެން މަސައްކަތްތަކެއް ފެށޭނީ ޕޯސްޓް އޮފީސް އޮޑިޓްކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ނިމުމުންކަން ޖެނިފާ ފާހަގަކުރެއްވިއެވެ.

" ޕޯސްޓް އޮފީސް ޙަވާލުކުރި އޮޑިޓް ނުކޮށް އޮތީ، އަދިވެސް އެކަން ކުރަމުންދަނީ، ޕޯސްޓް އޮފީހުގެ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުން، އޮޑިޓްތައް ނިމުނީ އިތުރު އިންވެސްޓްމަންޓްތައް ކުރިއަށްދާނީ، ޕޯސްޓް އޮފީހާއެކު މަސައްކަތް ކުރެއްވިޖިއްޔާމުން ރަށްރަށުގައި ޕޯސްޓް އޮފީހުން ދޭ ޚިދުމަތްތައް ރަނގަޅުވާނެ، މިއަހަރު ފަހުކޮޅު މަސައްކަތްތަކެއް ފެށިގެންދާނެ" ޖެނިފާ ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސްގެ ސަބްސިޑާރީއަކަށް ބަދަލުކޮށް، އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގާ ކުންފުންޏަކަށް ޕޯސްޓް އޮފީސް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 4 ވަނަ ދުވަހުއެވެ. އެބަދަލާއެކު މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހިއްސާގެ އޮނިގަނޑު ބަދަލުކޮށް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 99 އިންސައްތަ ހިއްސާ އައިލެންޑް އޭވިއޭޝަނަށް، އަދި 1 އިންސައްތަ ހިއްސާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ވަނީ ބަދަލުކޮށްފައެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޑެޓް އައިލެންޑް އޭވިއޭޝަންގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައިވާއިރު، އައިލެންޑް އޭވިއޭޝަނަކީ ޤައުމީ އެއަރލައިން، މޯލްޑިވިއަންވެސް ހިންގާ ކުންފުންޏެވެ.