ކުޅިވަރު

ދޮންފަނު ބަލިކޮށް، ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކެންދޫ ހޯދައިފި


ބ.ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ދޮންފަނު ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކެންދޫއިން ކަށަވަރުކޮށްފިއެވެ. ދޮންފަނު މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ 2-0ން ނެވެ.

ޒުވާން ޓީމަކާއެކު މުބާރާތަށް ނުކުތް ކެންދޫ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މިމެޗްގައި އެޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ ޝާއިން އެވެ. މި ލަނޑު ޖަހާފައިވަނީ މެޗްގެ ދެވަނަ ހާފްގެ 54 ވަނަ މިނެޓްގައި ދޮންފަނު ޑިފެންޑަރުން ހެދުނު މިސްޓޭކަކުންނެވެ.

މި ލަނޑަށްފަހުވެސް ކެންދޫއިން ކުޅުން ރަނގަޅުކޮށް މެޗް ނޮމިނޭޓްކޮށްފައިވެއެވެ. އެގޮތުން މެޗްގެ 70 ވަނަ މިނެޓްގައި އެޓީމްގެ ފަހަތަށް ކުޅެމުން އަންނަ އަލީ ޖައިލަމް ލަނޑު ޖަހާ ކެންދޫއަށް އުއްމީދު އާކޮށްދިނެވެ. މި ލަނޑު ޖަހާފައިވަނީ މެޗްގެ 70 ވަނަ މިނެޓްގައި ދޮންފަނު ހާފް ގެ މެދެއްހާހިސާބުންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔާއަކަށް ހޮވުނީ އަލީ ޖައިލަމް އެވެ.

މި މުބާރާތުގެ ސެމީގެ ޖާގަ ކެންދޫއިން ކަށަވަރުކުރިއިރު މި ގްރޫޕްގައި ހިމެނޭ ދޮންފަނާ ދަރަވަންދޫ ވަނީ މިމުބާރާތުން ކަޓާފައެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި، ސެމީ ފައިނަލަށް ދަނީ ކޮންމެ ގްރޫޕަކުން އެއްވަނައަށް އަންނަ ޓީމެއްގެ އިތުރުން، ގްރޫޕް ބީ އަދި ސީ މި ދެގްރޫޕުން އެންމެ ރަގަޅު ނަތީޖާ ހޯދާ އެއްޓީމެކެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ އޭދަފުއްޓާއި ކުޑަރިކިލު އެވެ.